މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ކުރީގެ ވަޒީރު
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ކުރީގެ ވަޒީރު
ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ސިޓީތަކާ ބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ސިޓީތަކާ ބެހޭ ވުޒާރާ އުވާލުމާ ގުޅިގެން، އެ ވުޒާރާއިން ކުރަމުން އައި މުހިންމު މަސައްކަތްތައް މިހާރު ވަނީ އެހެން އިދާރާތަކަށް ބަހާލާފައެވެ. އެގޮތުން، ޕަބްލިކް ވޯކްސް ނުވަތަ އާންމު މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ދެން ބަލަހައްޓާނީ އަލަށް އެކުލަވާލި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސިޓީތަކާއި ކައުންސިލްތަކާ ގުޅޭ ކަންކަން ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު، ކުރިއެކޭވެސް އެއްފަދައިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މެންޑޭޓުގެ ތެރެއަށް ބަދަލުކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް ޑރ. މުޢިއްޒު މި ބަދަލުތައް ގެންނެވީ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން އަވަސްކަމާއެކު ފޯރުކޮށްދިނުމަށެވެ. މި ބަދަލާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް އަންނަ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު