ވަރުން ދަވަން-
ވަރުން ދަވަން-
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު "ހޭ ޖަވާނީ ތޯ އިޝްގު ހޯނާ ހޭ" ގެ ފުރަތަމަ ފެނިލުމާއެކު، އިންފްލުއެންސަރަކު އޭނާއަށް ކުރި ފޭކް ރިވިއު ހޯދުމުގެ ތުހުމަތުތަކަށް ވަރުން ވަރުގަދަ ރައްދެއް ދީފިއެވެ.

މި މައްސަލަ ހޫނުވީ ސިމްރަން ބަޓް ނަމަކަށް ކިޔާ ކޮންޓެންޓް ކްރިއޭޓަރަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. ސިމްރަން ބުނި ގޮތުގައި، ރަޖީވް ޗޯކް މެޓްރޯ ސްޓޭޝަނުން ދެ މީހަކު އޭނާއާ ބައްދަލުކޮށް، ވަރުން ދަވަންގެ އާ ފިލްމުގެ ފުރަތަމަ ފެނިލުމާ ބެހޭގޮތުން ރިވިއުއެއް ދިނުމަށް އެދުނެވެ. ނަމަވެސް އެ ޓީޒަރު އަދި ނުބަލާ ކަމަށް ބުނުމުން، އެ މީހުން ބުނަންވީ ވާހަކަތައް ކިޔައިދޭނެ ކަމަށް ބުނި ކަމަށް ސިމްރަން ތުހުމަތުކުރިއެވެ. "އެމީހުން ބުނާ އެއްޗެއް އަހަރެން ކިޔައިދިނީމާ އެއީ ކިހިނެއް ރިވިއުއަކަށް ވާނީ؟" ސިމްރަން ސުވާލު އުފެއްދިއެވެ. އަދި ވަރުން ދަވަން ފޭކް ރިވިއު ހޯދަން ޖެހޭ މިންވަރަށް އޭނާގެ ދުވަސްތައް ގޯސްވީތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

މި ވީޑިއޯއަށް ރައްދުދެމުން ވަރުން ދަވަން ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ، މި ވީޑިއޯ މެދުވެރިކޮށް ސިމްރަން ބޭނުންވާ ފަދަ ގިނަ ވިއުސްތަކެއް އޭނާއަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާ ފޮނުވައިގެން ބަޔަކު ގޮސް ސިމްރަން ކައިރީ އެހެން ބުނި ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން އެ އުޅެނީ ހަމައެކަނި ވިއުސް ހޯދަން ކަމަށް ބުނެ ވަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މި ކޮމެންޓް ފަހުން ވަނީ ފޮހެލާފައެވެ.

މި ކޮމެންޓްތަކަށް ރައްދުދެމުން ސިމްރަން ބުނީ، އޭނާއަށް މިހާރުވެސް އެކަށީގެންވާ ވަރަށް ވިއުސް ލިބޭ ކަމަށާއި، މަޝްހޫރުކަން ހޯދަން މިފަދަ ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ވަރުންގެ ޕީއާރް ޓީމުން ކުރާ ކަންކަން ބެލުމަށްވެސް އޭނާ ވަނީ ވަރުންގެ ކިބައިން އެދިފައެވެ. އޭނާ ބުނި ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން ހުތުރުކަން ލިބޭނީ ސީދާ ވަރުންގެ އަބުރަށެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ހޭ ޖަވާނީ ތޯ އިޝްގު ހޯނާ ހޭ" އަކީ ވަރުން ދަވަން، މްރްނާލް ތާކުރް އަދި ޕޫޖާ ހެގްޅޭ މުހިންމު ރޯލުތަކުން ފެނިގެންދާނެ ރޮމެންޓިކް ކޮމެޑީއެކެވެ. މި މަހުގެ 14 ވަނަ ދުވަހު މި ފިލްމުގެ ފުރަތަމަ ފެނިލުން އާންމުކޮށްފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ 22 މެއި 2026 ގައެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ ޖޫން 12 ގައެވެ.



ކިޔުންތެރިންގެ ހިޔާލު