ސިވިލް ސާވަންޓުން-
ސިވިލް ސާވަންޓުން-
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން އާއިލީ މާހައުލެއްގައި ބޮޑުވުމަށް ބާރުއެޅުމުގެ ގޮތުން، އެފަދަ ކުދިންގެ ޤާނޫނީ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސާވެންޓުންނަށް ޚާއްޞަ ޗުއްޓީއެއް ދޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މިފަދަ ޗުއްޓީއެއް ދޭން ނިންމާފައިވާކަން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފުރަތަމަ ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ހިނގާ މޭ މަހުން ފެށިގެން ކުދިން ފޯސްޓަރ ކުރާ ސިވިލް ސަރވިސް މުައްޒަފުންނަށް މި ޗުއްޓީގެ ފުރުސަތު ރަސްމީކޮށް ލިބިގެންދާނެއެވެ.

ސިވިލް ސަރވިސް ޤަވާއިދަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ކުއްޖާއާ ހަވާލުވާ އިރު އެ ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީޚާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް އެ މުވައްޒަފަކަށް ލިބޭނެއެވެ. މިއީ އާންމުކޮށް ވިހެއުމާ ގުޅިގެން މައިންނަށް ދެވޭ މެޓާނިޓީ ލީވްއާ އެއްގޮތް އުސޫލަކުން ތަޢާރަފުކުރި ޗުއްޓީއެކެވެ.

މީގެ އިތުރުން، ކުއްޖާއާ ހަވާލުވާ އިރު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ، ނުވަތަ 6 މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކުދިން ފޯސްޓަރ ކުރާ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު މާލީ އިނާޔަތެއްވެސް ހަމަޖައްސާފައެވެ. އެގޮތުން، ކުދިން ފޯސްޓަރ ކުރާ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ އާއިލާތަކަށް، ދައުލަތުގެ ފަރާތުން ކޮންމެ ކުއްޖަކަށް މަހަކު 5000 ރުފިޔާގެ ޚާއްސަ އެލަވަންސްއެއް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު