ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 64 މީހަކު ފަރުވާއަށްފަހު އަނބުރާ ޢާއިލާތަކާ ޙަވާލުކުރެވިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ޤީލާ މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ނޮ

ވެންބަރު 2023 އިން ފެށިގެން މިއަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހާ ހަމައަށް 64 މީހަކު ކާމިޔާބުކަމާއެކު ޢާއިލާތަކުގެ ބެލުމުގެ ދަށަށް ފޮނުވިފައިވާ ކަމަށެވެ. އަދި މިވަގުތުވެސް އެ މަރުކަޒުގައި 201 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ މީގެކުރިން ޢާއިލާތަކުން އަޅާނުލައި ދޫކޮށްލާ މީހުން ބައިތިއްބާ ތަނެއްގެ ގޮތުގައި އޮތް އޮތުން މިހާރު ވަނީ ބަދަލުކުރެވިފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އެއީ ނަފްސާނީ އަދި ޖިސްމާނީ ތަކުލީފުތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށްފަހު، އަނބުރާ މުޖުތަމަޢަށާއި ޢާއިލާގެ ތެރެއަށް މީހުން ރުޖޫޢަކުރާ މަރުކަޒަކަށް ހެދުމެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މަރުކަޒުގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން ފެށިގެން އެތަން ވަނީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ދަށަށް ބަދަލުކޮށް، ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަން ފަށާފައެވެ.

ހަމައެއާއެކު، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް ޤާއިމުކޮށްފައިވާ ޤައުމީ ހެލްޕްލައިނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ޚިދުމަތުގެ އަސާސީ ބޭނުމަކީ ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ނަފްސާނީ ގޮތުން އެކަނިވެރިވެ، ގޮތްހުސްވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އަޑުއަހައި، އިމޯޝަނަލް އެހީތެރިކަން ދިނުމާއި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ކަމާބެހޭ ޑޮކްޓަރުންނާ ހަމައަށް ވާސިލުވެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި ހެލްޕްލައިން މެދުވެރިކޮށް މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުންނަށް ކައުންސެލިންގ އަދި ނަފްސާނީ އެހީ ފޯރުކޮށްދެވިފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން، އާސަންދަ ސްކީމްގެ ތެރެއިން ނަފްސާނީ ބަލިތަކަށް ޚަރަދު ހަމަޖެހޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާއިރު، ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުރަނގަޅު ވިސްނުން ބަދަލުކުރުމަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއްވެސް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު