އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޫނިއާ އެން.ޓީ.އާރް އާއި ކާމިޔާބު ޑައިރެކްޓަރު ޕްރަޝާންތު ނީލް ގުޅިގެން އުފައްދާ އާ ފިލްމުގެ ވިލަންގެ ރޯލުން ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރު ފެނިދާނެ ކަމުގެ ޚަބަރުތަކާއެކު ފޭނުންގެ މެދުގައި ބޮޑު ފޯރިއެއް އުފެދިއްޖެއެވެ.

ވަގުތީ ގޮތުން "ޑްރެގަން" ގެ ނަމުން ނަންދެވިފައިވާ މި ފިލްމާ ގުޅޭގޮތުން "ޕިންކްވިލާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާހިދު ކަޕޫރު މިހާރު އަންނަނީ ފިލްމުގެ އުފެއްދުންތެރިންނާއެކު މަޝްވަރާ ކުރަމުންނެވެ. މިއީ ޝާހިދު ކަޕޫރު ސައުތު އިންޑިއާގެ ސިނަމާއަށް ތައާރަފްވާ ފުރަތަމަ ފިލްމަށް ވުމީ ގާތް ކަމެކެވެ. ނަމަވެސް މިކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ރޯލަށް ޝާހިދު ކަޕޫރުގެ ނަން އައީ، ކުރިން މި ރޯލަށް ހަމަޖެހިފައި އޮތް މަލަޔާޅަމް އެކްޓަރު ޓޮވީނޯ ތޯމަސް ފިލްމުން ވަކިވުމާ ގުޅިގެންނެވެ. ހައިދަރުއާބާދުގައި ބޭއްވި އޭނާގެ އާ ފިލްމު "ޕަލިޗައްޓަމްބީ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ޓޮވީނޯ ބުނީ، ވަގުތު ދިނުމުގައި ދަތިތަކެއް ހުރުމުން މި ފިލްމުގައި މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށެވެ. "މަލަޔާޅަމް ފިލްމުތައް އެއް ޝެޑިއުލަކުން ނިންމާލެވޭ، ނަމަވެސް ތެލެގޫ ފިލްމުތަކަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާ. އަހަންނަށް ދެވޭނީ ތިން މަސް ދުވަސް، މުޅި އަހަރެއް ނުދެވޭނެ،" ޓޮވީނޯ ކިޔައިދިނެވެ.

ޖޫނިއާ އެން.ޓީ.އާރް އާއި ޕްރަޝާންތު ނީލްގެ މި މަޝްރޫއު އިއުލާން ކުރީ 2022 ވަނަ އަހަރު ޖޫނިއާ އެން.ޓީ.އާރްގެ އުފަންދުވަހުއެވެ. ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރު އޮގަސްޓު މަހުގައެވެ. ޖޫނިއާ އެން.ޓީ.އާރް މި ފިލްމުގެ މަސައްކަތާ ގުޅުނީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ވޯ 2" ގެ މަސައްކަތް ނިންމާލުމަށްފަހުއެވެ.

"ޑްރެގަން" ގެ ނަމުން މަޝްހޫރުވެފައިވީ ނަމަވެސް، ފިލްމުގެ ރަސްމީ ނަން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ފިލްމު ސިނަމާތަކަށް ޖޫން 26 ގައި އަންނާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނީ ރަޝްމިކާ މަންދަންނާ އާއި ކްރިތީ ސަނޯންއާއެކު "ކޮކްޓެއިލް 2" އިންނެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށް، މަޑޮކް ފިލްމްސްއިން އުފައްދާ މި ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "ކޮކްޓެއިލް" ގެ ސީކުއަލްއެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19 ގައެވެ.



ކިޔުންތެރިންގެ ހިޔާލު