މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) ނިކަމެތިވި ދުވަހު ޕާޓީ ނަގައި ކޮޅަށް ޖެހީ އޭނާ ކަމަށާއި މަގާމުން ވަކިކުރަން އުޅެނީ ޕާޓީ ކަތިލަން ކަމަށް އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެެވެ.

ޣަފުރޫ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އޭނާ ވަކިކުރަން ގައުމީ މަޖިލީހަށް ހުށައެޅުމާއި ގުޅިގެންނެވެެ.

ޣަފޫރު ވިދާޅުވީ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކާގޮތަށް ހަމަޖެއްސީ ޕާޓީގެ ރައީސް އާއި 5 މޭޔަރުންނާއި ޑަބްލިއުޑީސީ 5 ރައީސުންނާއި ކޮމިޓީތަކުގެ ޗެއަރތައް ކަމަށެވެ. އިތުރު އެއްވެސް މީހަކު ވަހަކަ ދައްކާ ގޮތަކަށް ޕްރޮގްރާމް ހަމަޖެހިފައި ނެތް ކަމަށާއި، އެ ދުވަހުގެ 2 ޖެހި އިރު ޕްރޮގްރާމް ފައިނަލް ކޮށްފައި މެންބަރު ކުޑޫއާއި ހަވާލުކުރެއްވި ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ އިން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ ވާހަކަ ދެއްކެވުމަށް އެދިވަޑައިގެން ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅުއްވި ކަމަށެވެ. އެދެބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރެއްވީ އެޖެންޑާއަށް ބަދަލު ގެންނަން ކޮމިޓީގައި މަޝްވަރާކޮށްފައި ގުޅާނެ ކަމަށް ވިދާޅުވުމުން ކަމަށާއި، އެއިރު ފޯނު ވެސް ރަނގަޅަށް ނުބޭއްވޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

" އެ ރޭ ފައްޔާޒު ގުޅާފައި ބުނީ ތިމަންނާ ވާހަކަ ދައްކަން ބޭނުމޭ. ފައްޔާޒު ކައިރި ބުނިން އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ ވާހަކަ ދައްކާފައި އަޅުގަނޑު ގޮތެއް ނިންމާފައި ޖަވާބެއް ދޭނަމޭ. ހަމަ އެ ކޯލް ބޭއްވި ތަނާ ރައީސް ނަޝީދު ގުޅުއްވި. ގުޅާފަ ބުނީ ތިމަންނަ އަށް ވަހަކަ ދައްކަން ފުރުސަތު ދޭންޖެހޭނޭ. އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީ. ކަންކަން ނިންމާނީ ކެމްޕޭން ކޮމިޓީގައި މަޝްވަރާކޮށްފައޭ އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ. އެހެން ބުނެފަ ފޯނު ނުބޭއްވޭ ބްރޭކިންގ ނިއުސް އަށް އަރުވައިފި ޖަލްސާ ބޮއިކޮޓް ކުރި ކަމަށް. އެއީ އެކަން ހިނގައިދިޔަ ގޮތަކީ" ޣަފޫރު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ ވިދާޅުވީ، ޕާޓީ ނިކަމެތިވެ މަގުމަތިވެފައި އޮތް ދަނޑިވަޅެއްގައި ޕާޓީ ނަގައި ކޮޅަށް ޖެހީ އޭނާ ކަމަށެވެ. ވޭތުވެދިޔަ ތިން އިންތިޚާބަކުންނާއި ހަތަރު ބައި-އިލެކްޝަނަކުން ޕާޓީ ފެއިލްވެފައި އޮތް ވަގުތު ޕާޓީއާ ހަވާލުވީ އޭނާކަން އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"އަޅުގަނޑު ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެން ކަމެއް ކޮށްގެން މިތާގައި ކުރި ކަމެއް އަޅުގަނޑަކަށް ފެންނާކަށް ނެތް. ކާމިޔާބީ ޖަލްސާ ބޭއްވި ދުވަހު ނޫން ޖެހިގެން އަންނަ ދުވަހު ވެސް ޖަލްސާއެއް ބާއްވާފައި އެންމެން ވާހަކަ ދައްކަން ބޭނުން ވައްޏާ އެ ފުރުސަތު މި ޕާޓީގައި އެބައޮތް،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިއަދު އޭނާ "ކަތިލުމަކުން" ނުވަތަ މަގާމުން ވަކިކުރުމަކުން މިކަން ފުރިހަމަ ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ކަތިލެވެނީ އެމްޑީޕީ ކަމަށެވެ. އަދި ޕާޓީ އަލުން ނިކަމެތިވާ ދުވަހަކުން ޕާޓީއާ ހަވާލުވާނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އެމްޑީޕީގެ ތެރޭގައި މި މައްސަލަ ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕި އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. މިކަމާ ހިތްހަމަނުޖެހިގެން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކަޓްކޮށްފައެވެ.

މިމައްސަލަގަނޑު ބޮޑަށް ހޫނުވީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފް (މާއްޓޭ) މަގާމުން ވަކިކުރުމުންނެވެެ.

ޣަފޫރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ކާމިޔާބީގެ ފުރިހަމަ ކްރެޑިޓް އޭނާ ބޭނުންނުވާ ކަމަށާއި، އެއީ ޕާޓީގެ ހުރިހާ ދާއިރާތަކެއްގެ އެންމެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ނަމަވެސް، ޕާޓީގެ އެތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މުސްތަގުބަލާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުުލްޣަފޫރު މޫސާ ވަކިކުރުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރަކު ވަނީ ސޮއިކުރައްވައި ހުށަހަޅުއްވާފައެވެ. ގައުމީ މަޖިލީހުގައި ޖުމްލަ 123 މެންބަރުން ތިއްބަވާއިރު، މި މައްސަލައާމެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެ ޕާޓީން މިހާރު ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު