އައިރިސްގޭގައި ރޯވި އަލިފާން ކޮންޓްރޯލު ކުރެވުނު އިރު ބޮޑެތި ގެއްލުންތަކެއް ވެފައި، ފޮޓޯ: އެންޑީއެމްއޭ
އައިރިސްގޭގައި ރޯވި އަލިފާން ކޮންޓްރޯލު ކުރެވުނު އިރު ބޮޑެތި ގެއްލުންތަކެއް ވެފައި، ފޮޓޯ: އެންޑީއެމްއޭ
ރ. އަލިފުށީ އައިރިސްގޭގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ގެއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އަލިފުށީ ރަށު ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ. އައިރިސްގެ އެއްކޮށް އަނދައިގެން ދިޔުމުގެ އިތުރުން، އެގޭގެ އަލިފާނުގެ އަސަރުކޮށް އިންވެގެން ހުރި ދޯޅަބުގެ ފާރަށްވެސް މި ހާދިސާގައި އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު މުޅި ގެއަށް ފެތުރި، ބޯކޮށް ދުން އަރަމުންދިޔަ މަންޒަރު ފެނެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހާދިސާގައި އައިރިސްގޭގެ ފުރާޅާއި އެތެރޭގެ ހިފާގެންގުޅޭ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، މުޅި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު