ކުކުޅު
ކުކުޅު
ރާއްޖޭގެ ބާޒާރުގައި އެންމެ އާންމު އެއް ބާވަތް ކަމަށްވާ ކުކުޅުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ރޯދަމަހުގެ ފަހުކޮޅާއި ފިތުރު ޢީދާ ދިމާކޮށް ބާޒާރުގައި ކުކުޅު ލިބެން ހުރި މިންވަރު މަދުވެފައިވާއިރު، މާލޭގެ ފިހާރަތަކާއި ސުޕަމާކެޓުތަކުގައި ކުކުޅުިގެ އަގުތައް މިހާރު ހުރީ އާންމުކޮށް ހުންނަ ވަރަށްވުރެ މާ މަތީގައެވެ.

އަގުތަކަށް އައި ބަދަލު:

ބާޒާރުގެ މިހާރުގެ އަގުތަކަށް ބަލާއިރު، ކުރިން 58 ރުފިޔާއަށް ލިބުނު 1200 ގްރާމްގެ ކުކުޅެއްގެ އަގު މިހާރު އުޅެނީ 85 ރުފިޔާއާއި 93 ރުފިޔާއާ ދެމެދުގައެވެ. މީގެ އިތުރުން، ކުރިން 68 ރުފިޔާއަށް ލިބުނު 1400 ގްރާމްގެ ކުކުޅެއްގެ އަގު މިހާރު ވަނީ 99 ރުފިޔާއަށް އުފުލިފައެވެ.

ހޯލްސޭލް އަގުތަކަށް ބަލާއިރު، މިދިޔަ މަހުގެ 15 ގައި 583 ރުފިޔާއަށް ލިބުނު 1200 ގްރާމްގެ ކުކުޅު ކޭހެއްގެ އަގު މިހާރު ވަނީ 777 ރުފިޔާއަށް އަރާފައެވެ. މިއީ ކޭހަކުން 194 ރުފިޔާގެ ބޮޑުވުމެކެވެ.

އަގު އުފުލެން މެދުވެރިވި ސަބަބު:

ކުކުޅުގެ އަގަށް މި ބޮޑު ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ދިމާވެފައިވާ ލަސްތައް ކަމަށް ވިޔަފާރިވެރިން ބުނެފައިވެއެވެ. އެގޮތުން ކޮންޓެއިނަރުތައް ކްލިއާ ނުވެ 17 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތަކަށް ޕޯޓުގައި ތާށިވެ، ޑެމަރޭޖް ޗާޖުތައް އިތުރުވެ، މުދަލުގެ އަގު އުފުލިފައިވާ ކަމަށްވެއެވެ.

މީގެ އިތުރުން، ބާޒާރުގައި ކުކުޅުގެ ސަޕްލައި ވަކި ދެ ކުންފުންޏެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތުމަކީވެސް އަގު އުފުލުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ވިޔަފާރިތަކަށް ކުރާ އަސަރު:

ކުކުޅުގެ އަގު ބޮޑުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ބުނީ ރޯމެޓީރިއަލްގެ އަގު މިހާ ބޮޑަށް އުފުލުމުން، އެ ތަންތަނުން ވިއްކާ ކާތަކެތީގެ އަގުތަކަށް ބަދަލު ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ ތާށިވުމުގެ ސަބަބުން ހަމައެކަނި އަގު އުފުލިފައިވަނީ، ކުކުޅަކުން ނޫނެވެ. އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ސިމެންތިއާއި އެހެނިހެން މުދަލުގެ އަގުތައްވެސް ވަނީ އުފުލިފައެވެ. ވިޔަފާރިވެރިން ބުނީ މި މައްސަލައަށް އަވަސް ހައްލެއް ގެނެސްނުދީފިނަމަ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިގެންދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު