ފޮޓޯ: މީސްމީީޑިއާ
ފޮޓޯ: މީސްމީީޑިއާ
މެލޭޝިއާއިން އެއްގަމު މަގުން ބްރޫނާއީއަށް އެތެރެވާ ހުރިހާ އުޅަނދުފަހަރެއްގެ ޕެޓްރޯލް ޓޭންކުގައި މަދުވެގެން ތިންބައިކުޅަ އެއްބައި ތެޔޮ ހުންނަންޖެހޭ ގޮތަށް ބްރޫނާއީ ސަރުކާރުން ހަމަޖައްސައިފިއެވެ. މިއޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ ގަވާއިދަކީ ބްރޫނާއީގެ ހަކަތައާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް އެނާޖީ (ޑީއޯއީ) އިން ނެރުނު އެންގުމެކެވެ.

މި ނިންމުމާ ގުޅޭގޮތުން ޑީއޯއީން ބުނީ، މިއީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ގައުމުގެ ތެޔޮ ސަޕްލައި ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ނަމަވެސް، ސަރުކާރުގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރު މި ޝަރުތުން އިސްތިސްނާވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އާ އުސޫލުގެ ދަށުން، ބްރޫނާއީގައި ބޭރުގެ އުޅަނދުތަކަށް ޝެލް ވީ-ޕަވަރ ގޭސް ނުވަތަ ޝެލް ވީ-ޕަވަރ ޑީސަލް ގަތުމުގެ ހުއްދަ ލިބޭނީ ހަމައެކަނި އެކަމަށް ކަނޑައެޅިފައިވާ ޕެޓްރޯލް ޝެޑްތަކުންނެވެ. އަދި މި ތެޔޮ ވިއްކާނީ މާކެޓްގައި މިހާރު ހުރި ރޭޓުންނެވެ.

މީގެ އިތުރުން، ބްރޫނާއީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މެލޭޝިއާ އިން ފުރަތަމަ ފަހަރަށް އެނބުރި އަންނަ އިރު މި ގަވާއިދަށް އަމަލުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، 24 ގަޑިއިރުގެ ތެރޭގައި ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރު ބްރޫނާއީއަށް އެތެރެވާނަމަ، މި އުސޫލު އެ އުޅަނދުތަކުގެ މައްޗަށްވެސް ތަންފީޒު ކުރެވޭނެ ކަމަށް ޑީއޯއީން މައުލޫމާތުދެއެވެ.

ފިއުލް ސްޓޭޝަންތައް ހިންގާ ފަރާތްތަކުން އުޅަނދުތައް ޗެކްކުރުމުގައި ހަރުކަށި އުސޫލުތަކަށް އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ. ވަގު ނުވަތަ ބަދަލުކޮށްފައިވާ ރަޖިސްޓްރޭޝަން ޕްލޭޓް ބޭނުންކޮށްގެން އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޑިޕާޓްމަންޓް އޮފް އެނާޖީން އިތުރަށް ބުނީ، މިއީ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަރުކާރުން ސަބްސިޑީ ދީގެން ފޯރުކޮށްދޭ ތެޔޮ ޒިންމާދާރުކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު