ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ލިވްމޯ،ޓްރެވެލްމޯ.ކޮމް
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ލިވްމޯ،ޓްރެވެލްމޯ.ކޮމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ސިނާއަތަށް އައު ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މިކަން ހާމަކުރެއްވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކުރި 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ އަސަރުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު ޕޯޓްފޯލިއޯ މިހާރު ވަނީ 585 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ އަދަދެކެވެ.

މީގެ އިތުރުން، ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް، ބީއެމްއެލް އިން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވެސް ވަނީ އެ ދާއިރާއަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު