2025 ވަނަ އަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޗާވާ" އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް އާއި އެކްޓަރު ވިކީ ކޯޝަލް އަލުން ގުޅިގެން އެ ފިލްމުގެ ސީކުއަލްއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޝްހޫރު ނޫސް "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޗާވާ" ގެ ފުރަތަމަ ބައިގައި ދައްކުވައިދީފައިވަނީ މަޅާާޓާ ރަސްގެފާނު ސަމްބާޖީ މަހާރާޖްގެ ހަޔާތްޕުޅުގެ މައްޗަށެވެ. ނަމަވެސް މިހާރު ތައްޔާރުވަމުންދާ ސީކުއަލް ބިނާކުރުމަށް ހަމަޖެހިފައިވަނީ ސަމްބާޖީ މަހާރާޖްގެ ދަރިކަލުން ޝާހޫ މަހާރާޖްގެ ހަޔާތްޕުޅުގެ މައްޗަށެވެ. މި މަޝްރޫއުގައި މަސައްކަތް ކުރުމަށް ވިކީ ކޯޝަލް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ފިލްމުގެ ކަރުދާހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

ޚަބަރުތައް ބުނާގޮތުން "ޗާވާ 2" ގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2028 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މި ވަގުތު ވިކީ ކޯޝަލް އާއި ލަކްޝްމަން އުޓޭކަރް ވެސް އުޅެނީ އެހެން އެހެން ފިލްމުތަކުގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ.

ވިކީ ކޯޝަލް މިހާރު ނިންމަމުންދަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ގެ މަސައްކަތްތަކެވެ. މި ފިލްމަކީ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ، ބަންސާލީގެ އެންމެ ބަޖެޓް ބޮޑު އެއް ފިލްމެވެ. މި ފިލްމު ރިލީޒްކުރުން ލަސްވެފައިވަނީ އޭގައި ހިމެނޭ ވަރުގަދަ އޭރިއަލް އެކްޝަން މަންޒަރުތަކާއި ވީއެފްއެކްސްގެ މަސައްކަތްތަކަށް ގިނަ ވަގުތު ބޭނުންވާތީ ކަމަށް މައުލޫމާތު ލިބެއެވެ. ރަންބީރު ކަޕޫރު ދާދިފަހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، "ލަވް އެންޑް ވޯ" ރިލީޒްކުރާނީ އޮކްޓޫބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ރާމާޔަން ޕާޓް 1" އަށް ފަހުގައެވެ.

އަނެއްކޮޅުން ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ތައްޔާރުވަމުންދަނީ ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "އީތާ" ގެ ޝޫޓިންގް ފެށުމަށެވެ. "އީތާ" އަކީ މަހާރާޝްތްރާގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ވިތާބާއީ ނަރަޔަންގާއޮންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމުގައި ޝްރައްދާ ކަޕޫރާއެކު ފެނިގެންދާނީ ރަންދީޕް ހޫޑާއެވެ. މި ދެ ތަރިން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ކަމަށްވާތީ، ބެލުންތެރިންގެ މެދުގައި މިހާރުވެސް މި ފިލްމަށް އޮތް އިންތިޒާރު ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު