އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނާއެކު ކުރަމުންދާ ހަނގުރާމައަށް ފަސް ހަފުތާވެފައިވާއިރު، ހަނގުރާމައިގެ މަސްރަހާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ގައުމާ މުޚާތަބު ކުރެއްވުމަށް ނިންމަވައިފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް މިރޭ ވިދާޅުވީ، ރައީސް ޓްރަމްޕްގެ މި ތަގުރީރު އޮންނާނީ އެމެރިކާގެ ގަޑިން މިރޭ 9 ޖަހާއިރު ކަމަށެވެ. މި ތަގުރީރު އަމާޒުކުރެވިފައިވަނީ ހަނގުރާމައިގެ މަގްސަދުތަކާއި ކުރިމަގާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށް ކެރޮލިން ވިދާޅުވެފައިވެއެވެ.

މީގެކުރިން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމުގައި އެމެރިކާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި އީރާނުގެ ރޫޙީ ލީޑަރ އަލީ ޚާމަނާއީ އާއި އިސް ސިޔާސީ ވެރިން ޝަހީދުވުމާ ގުޅިގެން، އެ ގައުމުގެ ވެރިކަމުގެ ނިޒާމު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ހަމައެއާއެކު، މިހާރު އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ފަދަ "މެދުމިންގަނޑެއްގެ" ވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، ހަނގުރާމަ ފެށުނުތާ މަހެއްވީއިރުވެސް އީރާނުން ދަނީ ގަވާއިދުން މިސައިލާއި ޑްރޯން ހަމަލާތައް އިސްރާއީލަށާއި އަވަށްޓެރި ގަލްފް ގައުމުތަކަށް ފޮނުވަމުންނެވެ. މީގެ އިތުރުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގައި ތެލުގެ އަގު 30 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ހަނގުރާމަ ނިމޭނެ ދުވަހަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ކުރިން ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ހަނގުރާމަ ނިމިދާނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހުއްޓާލާނީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން މުޅިން ނައްތާލެވުމުން ކަމަށާއި، އެކަމަށް އީރާނާއެކު އެއްބަސްވުމެއް އޮތުމަކީ މުހިންމު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ނިސްބަތްކޮށް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ، ހަމަލާތައް ހުއްޓާލުމާއި، އެމެރިކާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވާނަމަ ހަނގުރާމަ ހުއްޓާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެހެންނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވީ އެމެރިކާއާއެކު ކުރާ މަޝްވަރާއަކުން ނަތީޖާއެއް ނުކުންނާނެ ކަމުގެ އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި މި ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 348 މީހުން ޒަޚަމްވެފައިވެއެވެ. އަދި އީރާނުން އެތައްހާސް މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު