ފުލުހުން ޚިދުމަތުގައި
ފުލުހުން ޚިދުމަތުގައި
ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުލުހުންނަށް ކޯޓުތަކުގައި ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދު ކުރިން އޮންނަ ގޮތުން، ކޯޓަށް ހާޒިރު ނުވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ ހަމައެކަނި މައްސަލަތަކުގައި 'އެކްސްޕާޓުން' ނުވަތަ ފަންނީ މާހިރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިއަދު މި ގަވާއިދަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުން ވެސް ކޯޓަށް ހާޒިރުނުވެ، ފުލުހުންގެ މަރުކަޒެއްގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމަށް ކޯޓަށް ނިންމިދާނެއެވެ. މިގޮތަށް ހަމަޖެއްސީ ފުލުހުންގެ މަސައްކަތްތައް ހުރިގޮތުންނާއި، ޝަރުއީ ދާއިރާގެ މަސައްކަތްތައް އަވަސްކުރުމުގެ މަގުސަދުގައެވެ.

ގަވާއިދަށް ގެނައި މި އިސްލާހުގެ ދަށުން ފުލުހުންނަށް މަރުކަޒުތަކުގައި ތިބެގެން ހެކިބަސް ދެވޭނީ، ފުލުސް މީހާ އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތުމުންނާއި، ފުލުހަކު ތަމްރީނެއް ހަދަމުންދާތީ، އެ ތަމްރީނު މެދުކަނޑާލެވެން ނެތުމުގެ އިތުރުން މައްސަލަ ހިނގަމުންދާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި އެ ފުލުހަކު ހުންނަން ޖެހުމުންނެވެ.

މީގެ އިތުރުން، މި އިސްލާހުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މަރުގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތެވެ. ކުރިން އޮންނަ ގޮތުން މަރުގެ މައްސަލަތަކުގައި އެކްސްޕާޓުން ހެކިބަސް ދިނުމަށް ސީދާ ކޯޓަށް ހާޒިރުވާން ޖެހެއެވެ. ނަމަވެސް، މިއަދު ގެނައި އިސްލާހުގައި ފުލުހުންގެ މައްޗަށް އެ އުސޫލު ނުހިނގާ ގޮތަށް ހަމަޖައްސާފައިވާތީ، މަރުގެ މައްސަލަތަކުގައި ވެސް ފުލުހުންގެ މަރުކަޒުތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނެއެވެ.

މި ބަދަލާއެކު، ރަށްރަށުގައި ތިބެގެންނާއި ޑިއުޓީގައި ތިބެގެން ފުލުހުންނަށް ހެކިބަސް ދިނުމަށް ފަސޭހަވެ، ޝަރީއަތްތައް ލަސްވުމަށް ދިމާވާ ބައެއް ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު