ޔައީރު
ޔައީރު
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީނިއާ އެޑްވައިޒަރު އަދި "މާގާ" ހަރަކާތުގެ އިސް ސަހްސިއްޔަތެއް ކަމަށްވާ ސްޓީވް ބެނަން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅު ޔައީރު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

"ރިއަލް އެމެރިކާސް ވޮއިސް" ގައި ވާހަކަ ދައްކަމުން ބެނަން ސުވާލު އުފެއްދީ، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ޔައީރު މިއާމީގައި ޗުއްޓީ ހޭދަކުރަން ހުންނަ ސަބަބާ މެދުގައެވެ.

ބެނަން ވަނީ ޔައީރު ވަގުތުން އަނބުރާ ގައުމަށް ފޮނުވާލުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ގޮވާލާ، އޭނާ ލައްވާ ޔުނީފޯމް ބޭލުވުމަށްފަހު ހަނގުރާމައިގެ މައިދާނަށް ފޮނުވަން ޖެހޭ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޔައީރުގެ އިތުރުން އޭނާގެ ބޭބެ އަވްނާ ވެސް އިސްރާއީލުގެ ރައްޔިތުންގެ މައްޗަށް ލާޒިމްކުރާ އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައެއް ނުވެއެވެ.

ބެނަންގެ ފާޑުކިޔުންތައް ހަމައެކަނި ނަތަންޔާހޫގެ އާއިލާއަށް އެކަނި އަމާޒެއް ނުވެއެވެ. އޭނާ ވަނީ ލަންޑަން ފަދަ ސިޓީތަކުގައި ތިއްބެވި ގަލްފުގެ އަރަބި ގައުމުތަކުގެ އިސް ބޭފުޅުންނަށްވެސް ފާޑުކިޔައި، އެ ބޭފުޅުންވެސް ހަނގުރާމައިގެ މައިދާނަށް ނުކުންނަވަން ޖެހޭނެ ކަމަށް ބުނެފައެވެ.

މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން 1500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ރައްދުގައި އީރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އިސްރާއީލާއި، ޖޯޑަން، އިރާގު އަދި ގަލްފުގެ ގައުމުތަކަށް ޑްރޯން އާއި މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރާއި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު