ކުރީގެ މެންބަރު އަލީ ނިޔާޒު
ކުރީގެ މެންބަރު އަލީ ނިޔާޒު
ކުރިއަށް އޮތް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވައި، ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، މި އިންތިޚާބަކީ ދައުލަތުގެ އިދާރާތަކުން ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުކޮށްގެން، އިންސާފުވެރި ނޫން ގޮތަކަށް ބާއްވަން އުޅޭ އިންތިޚާބެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް 'ފެންނަ ނުފެންނަ ވޯޓާ' ގުޅޭގޮތުން ހުރި އިންތިޒާމުތަކަކީ އިންސާފުވެރިކޮށް ގެންދެވޭނެ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ނިޔާޒު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދުތައް މަތިކުރުމުގެ ސަބަބުން ގާތްގަނޑަކަށް 12,000 އާއި 15,000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާ ކަމަށެވެ.

ކުރިން 150 މީހުން ހަމަވުމުން ބޭރުގައި ފޮށި ބަހައްޓަމުން އައި ނަމަވެސް، މިފަހަރު އެ އަދަދު 2,000 އަށް މަތިކޮށްފައިވަނީ ގަސްތުގައި މީހުން ވޯޓުލުމުން މަޙުރޫމު ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، އެއް ކަރުދާހެއްގައި ތިން ވޯޓު ހިމެނޭއިރު، އޭގެ ތެރެއިން އެއްބައި ގޯސްވުމުން މުޅި ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަނުން އަމިއްލަ މަޞްލަޙަތަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ވަޒީފާތަކާއި ފައިސާ ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ނިޔާޒު ވިދާޅުވީ މި މައްސަލަތައް މާދަމާ އިލެކްޝަންސް ކޮމިޝަނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ދޫކޮށްފައިވާ ހޭލުންތެރިކުރުމުގެ ކަރުދާހުގައިވެސް ހުރީ ހަމައެކަނި ވަކި ގޮތަކަށް ވޯޓު ދިނުމަށް ބާރުއަޅާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔާޒު ވަނީ އިންސާފުވެރި އިންތިޚާބެއް ހޯދުމަށްޓަކައި އެމްޑީޕީން ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުން މާދަމާ މުއައްސަސާތަކަށް ގޮސް އަޑުއުފުލުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު