ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލެސް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރޮބްލެސް ވިދާޅުވީ، އިރާނު ހަނގުރާމައާ ގުޅުންހުރި އެއްވެސް ކަމަކަށް ސްޕެއިންގައި ހުންނަ މޮރޯން އަދި ރޮޓާ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. އަދި މި ނިންމުން ހަނގުރާމަ ފެށުނީއްސުރެ އެމެރިކާ ސަރުކާރަށް ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ނިންމުމާ ގުޅޭގޮތުން އެޤައުމުގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވީ، ސްޕެއިންގެ މަގްސަދަކީ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ އެއްވެސް ކަމަކަށް ހިތްވަރު ނުދިނުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ހަނގުރާމަ ފެށުނީއްސުރެ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގެންދަވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވަމުންނެވެ. އޭނާ މި ހަމަލާތައް ސިފަކުރައްވާފައިވަނީ "ޒިންމާދާރުކަން ކުޑަ" އަދި "ޣައިރު ގާނޫނީ" އަމަލުތަކެއްގެ ގޮތުގައެވެ.

ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ ސްޕެއިން އަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ޣައިރު ގާނޫނީ ހަނގުރާމައެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ. "ހަނގުރާމައާ ގުޅުންހުރި ހުރިހާ ފްލައިޓް ޕްލޭންތަކެއް ވާނީ ރިޖެކްޓް ކުރެވިފައި. އޭގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ ބޯޓުތައްވެސް ހިމެނޭ." އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ބޯޓުތައް ޖެއްސުމުގެ ހުއްދަ އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ މި ނިންމުމާ ގުޅިގެން، އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއާފޯޑް ބޭހުން ފުރާ އެމެރިކާގެ ބޯމްބަރު މަތިންދާބޯޓުތަކަށް ދެން ޖެހޭނީ އެޓްލާންޓިކް ކަނޑުމަތިން ނުވަތަ ފްރާންސް މަތިން އުދުހޭށެވެ. އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވަނީ މާޗް 1 ވަނަ ދުވަހު އެމެރިކާގެ އެދުމަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

ސްޕެއިންގެ މި ފިޔަވަޅާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްޕެއިންއާ ދެކޮޅަށް ފުރިހަމަ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާގެ "އޮޕަރޭޝަން އެޕިކް ފިއުރީ" އަމާޒުތަކަށް ވާސިލުވަމުންދާ ކަމަށާއި، ސްޕެއިން ނުވަތަ އެހެން ގައުމެއްގެ އެހީތެރިކަން މިކަމުގައި ބޭނުންނުވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ސްޕެއިން އިން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރާތީ، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގައި ސްޕެއިންއަށް ލުއިތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިރާނުން ވަނީ ބުނެފައެވެ. ދުނިޔޭގެ ތެލުގެ 20 އިންސައްތަ ސަޕްލައި ކުރާ މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު