ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު އާންމުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައަކާއި، ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާއަކަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުންކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމެވެ.

ސަލީމް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީ ކެމްޕޭން މެނޭޖަރުގެ މަގާމުގައި ހުންނެވި ފަލާހު ވަނީ ވަކި ރަށެއްގެ ހަ ކެންޑިޑޭޓަކު ހޮވައިދީފި ނަމަ، އެ ރަށަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި، އަންހެނުންނަށް އަމާޒުކޮށްގެން ދޮޅުލައްކަ ރުފިޔާގެ ވޮލީ މުބާރާތެއް ބާއްވައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ވޯޓަށް ނުފޫޒު ފޯރުވުމަށް ފާޅުގައި ހުށަހެޅި ރިޝްވަތެއްގެ ގޮތުގައި މައްސަލައިގައި ސިފަކޮށްފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ މާރިޗު 20 ވަނަ ދުވަހުގެ ރޭ ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާއަށް މީހުން އުފުލުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން، އާންމުކޮށް ހަވީރު ފަހެއްގެ ފަހުން ދަތުރުތައް ނުބާއްވާ އާރްޓީއެލް ފެރީތައް، އެމްޓީސީސީގެ އުސޫލުތަކާ ހިލާފަށް ޝެޑިއުލުން ބޭރުން ބޭނުންކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. މިއީ ސިޔާސީ ބޭނުމަކަށް އާރްޓީއެލް ފެރީތައް ބޭނުންކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ އިންތިޚާބުގައި މީހުން ގިނަކަން ދެއްކުމަށް ސަރުކާރުން ހިންގި ނޭދެވޭ އަމަލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ، އާރްޓީއެލް ފެރީތަކަކީ އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރާ އުޅަނދުތަކަކަށް ނުވާއިރު، ސަރުކާރުން ދަނީ ފައިސާ އާއި ދައުލަތުގެ މުދާ ބޭނުންކޮށްގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށާއި ފެންނަ ނުފެންނަ ވޯޓަށް ފާޅުގައި ނުފޫޒު ފޯރުވަމުން ކަމަށެވެ.

އެހެންކަމުން މިކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިދިނުމަށް ސަލީމް ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު