ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ވޯޓު ކަރުދާހުގައި ފާހަގަޖަހަންޖެހޭ ގޮތް އާންމު ރައްޔިތުންނަށް ދުރާލާ ސާފުކޮށް ބުނެނުދީ ރެފަރަންޑަމްއެއް ބާއްވައިފިނަމަ، އެ ރެފަރަންޑަމްއެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ޙުސްނުއްސުޢޫދު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް އަމާޒުކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ރެފަރަންޑަމްއެއްގައި ވޯޓު ބާތިލުނުވާނެ ގޮތަށް ފާހަގަޖަހަންވީ ގޮތް ކޮންމެ ރަށެއްގެ ކައުންސިލް އިދާރާގެ ބޭރު ފާރުގައާއި، މާލޭގެ މަގުތަކުގެ ފާރުތަކުގައި އިއުލާނު ތަތްކޮށްގެން ނަމަވެސް ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ.

ސުޢޫދު ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާއިރު އަމަލުކުރަންޖެހޭ ގޮތް ނޭނގިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ އެކި ފަރާތްތަކަށް ގުޅައި ސުވާލުކުރަމުންނެވެ. އެހެންކަމުން، މިއީ އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ ދުސްތޫރީ ޒިއްމާއެއްކަން ހަނދާންކޮށްދެއްވަމުން، އެ ޒިއްމާ ފުރިހަމައަށް އަދާކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންޖެހޭގޮތް ދުރާލާ ބުނެނުދީ ރެފަރަންޑަމް ބާއްވައިފިނަމަ ރެފަރަންޑަމް ބާތިލުވާނެ،" ސުޢޫދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ކަންކަމުގައި ނޫސްވެރިންގެ ވެސް ބޮޑު ޒިއްމާއެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އާ މެދު ނުރުހުން ފާޅުކުރައްވަމުން ސުޢޫދު ވިދާޅުވީ، އެ މުއައްސަސާއާ ބެހޭގޮތުން އެއްޗެއް ނުބުނިއްޔާ މާ ރަނގަޅު ވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު