ގޯތި ހަވާލުކުރުމަށް ވާން ޖެހޭ ތައްޔާރީތައް އެޗްޑީސީން ކުރިއަށް ގެންދަނީ، ފޮޓޯ: އެޗްޑީސީ
ގޯތި ހަވާލުކުރުމަށް ވާން ޖެހޭ ތައްޔާރީތައް އެޗްޑީސީން ކުރިއަށް ގެންދަނީ، ފޮޓޯ: އެޗްޑީސީ
"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދުން ބިން ހަވާލުކުރުމުގެ ކަންކަން މިއަދު ހަވީރު 16:00 ގައި ރަސްމީކޮށް ފެށޭނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދު ސާވޭ ކުރުމާއި، ގޯތިތަކުގެ އިންފާރު ވަކިކޮށް ބިންތައް ފާހަގަކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ ގުޅިގެން އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު "ޕްރިންސް ޑަ ނެދަލަންޑެން" އަދި "އޮރަންޖޭ" ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެން ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިއަދު ބިންތައް ހަވާލުކުރަން ފަށާއިރު، މި ސަރަހައްދުން ގޯތި ލިބުނު މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ބޭއްވި ގުރުއަތުލުން މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ ގުރުއަތުލުމުގައި ޖުމްލަ 698 ގޯތި އެކި ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ތަފާތު ސައިޒުތަކުގެ ގޯތިތައް ހިމެނެއެވެ.

އެގޮތުން މި ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، 1,650 އަކަފޫޓުގެ 181 ގޯއްޗާއި، 2,050 އަކަފޫޓުގެ 242 ގޯއްޗާއި، 2,450 އަކަފޫޓުގެ 132 ގޯތި ހިމެނެއެވެ. އަދި މީގެ އިތުރުން 2,850 އަކަފޫޓުގެ 62 ގޯއްޗާއި، 3,250 އަކަފޫޓުގެ 41 ގޯއްޗާއި، 3,650 އަކަފޫޓުގެ 16 ގޯތީގެ އިތުރުން 4,000 އަކަފޫޓުގެ 24 ގޯއްޗެއް މި ފިޔަވަހިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު