އިލެކްޝަންސް ކޮމިޝަންގެ ރައީސް-
އިލެކްޝަންސް ކޮމިޝަންގެ ރައީސް-
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްގެ މަސައްކަތްތަކަށް މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކު ކުރިއަށް ގެންދާ މި ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. މި މައްސަލަ ރައްދުވަނީ ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނަށެވެ.

މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް މިހާރުވެސް ނިމިފައިވާ ކަމަށެވެ.

"މި އާއްމު ވޯޓަށް މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ މި މަސައްކަތް ކުރުމަށް. މިހާރު ވޯޓް ކަރުދާސްތައް ޗާޕު ކުރެވި ތަންތަނަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދަނީ،" އީސީގެ ވަކީލު ވިދާޅުވިއެވެ.

ވަކީލު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީސީގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ހުރީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކައުންސިލް އިންތިޚާބާއެކު މި ރިފަރަންޑަމްވެސް ކުރިއަށް ގެންދާ ގޮތަށެވެ. އަދި މި ވޯޓާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި މީސްމީޑިއާގެ އެކި މަންސަތަކާއި ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއެކު މިފަދަ ރިފަރަންޑަމްއެއް ބާއްވާނަމަ، އިތުރު 20 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައިވެސް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު