މީޑިއާ ކޮމިޝަންގެ ރައީސް- ފޮޓޯ: މަޖިލިސް
މީޑިއާ ކޮމިޝަންގެ ރައީސް- ފޮޓޯ: މަޖިލިސް
ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެ، ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މީޑިއާތަކުން މިހާރަށްވުރެ ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެމް.އެމް.ބީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުންދާއިރު، މީޑިއާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަކި އުސޫލުތަކަކަށް ތަބާވާންޖެހޭނެ ކަމަށެވެ.

އެގޮތުން، ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑި

އާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތަށް އަމަލުކުރުމަށް ކޮމިޝަނުން ވަނީ ހުރިހާ މީޑިއާތަކަށް އަންގާފައެވެ.

ޚާއްޞަގޮތެއްގައި، މި ދަނޑިވަޅުގައި ޚަބަރު ފެތުރުމުގައި ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން" މި މާއްދާއަށް ހުރިހާ މީޑިއާތަކުންވެސް ބޮޑު ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ފެކްޗުއަލް ޕްރޮގްރާމްތައް ގެނެސްދިނުމުގައިވެސް ކަނޑައެޅިފައިވާ ހަމަތަކަށް ތަބާވުމަށް ވަނީ އިރުޝާދު ދީފައެވެ.

ކޮމިޝަނުގެ ބަޔާނުގައި ސުލޫކީ މިންގަނޑުގެ 6 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ ބުނެފައިވަނީ، އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓްތައް ހިމެނުމުގައި، އެ ފަރާތަކުން ދެއްކި ވާހަކައިގެ އަސްލު މަފްހޫމް ނުގެއްލޭނެ ގޮތަށް ޚަބަރުތައް ގެނެސްދޭންވާނެ ކަމަށެވެ. މިއީ ޚަބަރުގެ ތެދުބަހަކަށް ކަންކަން ހާމަކުރުމަށް ބާރުއެޅުމުގެ ގޮތުން ނޫސްވެރިން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމް.އެމް.ބީ.ސީ އިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި، އަސްލާ އެއްގޮތް ނޫން ގޮތަށް ބަދަލުކޮށްފައިވާ ނުވަތަ އުފައްދާފައިވާ (ފެބްރިކޭޓް ކޮށްފައިވާ) ފޮޓޯއާއި، އޯޑިއޯ އަދި ވީޑިއޯ ބޭނުން ނުކުރުމަށް ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކޮންމެ ނޫސްވެރިއަކީވެސް އެމީހެއްގެ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާ، ޤައުމީ މަޞްލަޙަތަށް އިސްކަންދޭ ފަރާތަކަށް ވުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު