ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރ-
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރ-
މި ފާއިތުވި ފެބްރުއަރީ މަހު ތެރޭގައި އެކި ބާވަތުގެ މައްސަލަތައް ހިމެނޭހެން 200 އަށްވުރެ ގިނަ މައްސަލަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިޒްޓްރީއަށް އަށް ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާ އަދި އާއިލީ އެކި މައްސަލަތައް ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުވަރީ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 74 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 34 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލައެކެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 21 މައްސަލައެއް (12 ފިރިހެން ކުދިން، 9 އަންހެން ކުދިން) ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައިގެ އިތުރުން ނަފްސާނީ ހާނިއްކައާއި ގެވެށި އަނިޔާގެ އަމަލުތައް ކުޑަކުދިންނަށް ފެނުމުގެ މައްސަލަތައް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ފެބްރުވަރީ މަހު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކެވެ. އާއިލީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 33 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 17 މައްސަލައަކީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. މީގެ އިތުރުން ކުދިންނާ ބައްދަލުކުރުމާއި ހަޟާނާގެ މައްސަލަތައް ވެސް ވަނީ ހުށަހަޅާފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 48 މައްސަލައެއް މި މުއްދަތުގައި ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އަންހެނުންނާ ގުޅޭ 39 މައްސަލައެއް ހުށަހަޅާފައިވާއިރު، ފިރިހެނުންނާ ގުޅޭ 9 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 30 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 21 މައްސަލައެއްވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލަތަކެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ މައްސަލަތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 8 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ދަތިކަން ހުރި އާއިލާތަކުގެ މައްސަލަތައް ހިމެނެއެވެ.

މިނިސްޓްރީން ދަނީ މިފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު