ހުޅުމާލޭ، ފޮޓޯ: ޔޫއެންޑީޕީ
ހުޅުމާލޭ، ފޮޓޯ: ޔޫއެންޑީޕީ
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބޮޑެތި ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަމަޖައްސައި، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފިއެވެ.

މި ގަވާއިދަކީ ހުޅުމާލޭގައި އާބަން ތަރައްގީގެ މަސައްކަތްތައް ތަރުތީބުވެފައިވާ ހަރުދަނާ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދިއުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. މީގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ގަވާއިދު ތަންފީޒުކުރުމުގެ މައިގަނޑު ޒިންމާ ހަވާލުކޮށްފައިވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެވެ.

އާ ގަވާއިދުގައިވާ ގޮތުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗް.ޑީ.ސީ މެދުވެރިކޮށެވެ. މި ހުއްދަތަކަށް އެދި ހުށަހެޅުމުގެ އިންތިޒާމު އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ. އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ މި ހުއްދަތައް ފުރިހަމައަށް ލިބުމުންނެވެ.

މިނިސްޓްރީން ބުނިގޮތުގައި މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އެ ފާހަގަތައް އަލުން ޖަހައިދިނުމަކީވެސް އެޗް.ޑީ.ސީގެ ޒިންމާއެއް ކަމަށް މި ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. މިއީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.

މި އައު އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، އިމާރާތުގެ އުސްމިނާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ އިތުރުން، އިމާރާތުން ދޫކުރަންޖެހޭ ހުސްޖާގަ ނުވަތަ ސެޓްބެކް އަދި ޕާކިންގްއާ ގުޅޭ ހަރުދަނާ މިންގަނޑުތަކެއް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ.

އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ. މިއީ ހުޅުމާލޭގެ ދިރިއުޅުމުގެ މާހައުލަށް ބުރޫނާރާނެހެން އިގްތިސާދީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ކުރެވޭ ކަމެކެވެ. ހަމައެއާއެކު، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން މަނާކުރެއެވެ.

މި ގަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، އެޗް.ޑީ.ސީ އިން އާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްގީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް، މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ޕާކިންގް، ކުނި ބަހައްޓާނެ ޖާގަ، ވައި ދައުރުވުން، ރައްކާތެރިކަން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާ ގުޅޭ ޝަރުތުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ. 18.5 މީޓަރަށްވުރެ ތިރި އިމާރާތްތަކުގައި އެޕާޓްމަންޓްގެ ސައިޒަށް ބަލައި ސައިކަލް ޕާކިންގް ދޭންޖެހޭއިރު، އެއަށްވުރެ އުސް އިމާރާތްތަކުގެ ގްރައުންޑް ފްލޯ ނުވަތަ ބޭސްމަންޓް ޕާކިންގްއަށް ހާއްސަކުރަންޖެހެއެވެ. މީގެ އިތުރުން، ކުނި ބަހައްޓާނެ ވަކި ތަނެއް ހުރުމާއި، ވައި ދައުރުވުމާއި އަލިކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ހަދާ އިމާރާތްތަކުގައި ޖީ.ޕީ.އޯ.އެން ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ޑަކްޓްތައް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފައެވެ.

މި ގަވާއިދުގެ ސަބަބުން ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ގޮތްތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ހާމަކުރިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނުގައި ހުންނަ ރޭމްޕްތައް، މިހާރު އަމަލުކުރަމުންދާ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ފުރާޅުލާފައިވާ ޓެރަސްތަކަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެޗް.ޑީ.ސީގެ ހުއްދައާއެކު، މުވާސަލާތީ ޓަވަރުތަކާއި، އެންޓަނާ އަދި ސެޓެލައިޓް ޑިޝްތައް ތަރުތީބުން ހަރުކުރުމާ ގުޅޭ އުސޫލުތައް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު