ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވަމުންދާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

މި ރިޕޯޓްތައް ބުނާ ގޮތުގައި ވަލީއަހުދު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މެދުއިރުމަތީގެ ސަރަހައްދީ ބާރުތައް އަލުން ތަރުތީބުކޮށް، އީރާނުގެ ނުފޫޒު ކަނޑުވާލުމަށް ލިބިފައިވާ ތާރީޚީ ފުރުސަތެކެވެ. ވަލީއަހުދު ޓްރަމްޕަށް ބާރުއަޅުއްވަނީ އީރާނުގެ ހަރުކަށި ސަރުކާރު ނައްތާލުމަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށާއި، އެ ގައުމުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަށެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ހާމަކުރި ގޮތުގައި، ޕްރިންސް މުޙައްމަދު ބިން ސަލްމާން ވަނީ އީރާނަކީ ގަލްފުގެ ގައުމުތަކަށް އޮތް ދާއިމީ ނުރައްކަލެއް ކަމަށާއި، އެ ނުރައްކާ ހުއްޓުވޭނީ މިހާރު އޮތް ސަރުކާރު ބަދަލުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މަޝްވަރާތަކުގައި އީރާނުގެ އެތެރެއަށް އެއްގަމު މަގުން ސިފައިން ފޮނުވައިގެން ނަމަވެސް އެ ގައުމުގެ ބާރު ކަނޑުވާލުމަށް ވަލީއަހުދު ހުށަހަޅުއްވާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ސައުދީ ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ސައުދީން ބުނާ ގޮތުގައި އެ ގައުމުން އަބަދުވެސް ތާއީދުކުރަނީ ސުލްހަވެރި ހައްލަކަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ރައީސް ޓްރަމްޕް ވަނީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަކީ "ހަނގުރާމަވެރިއެއް" ކަމަށް ސިފަކުރައްވައި، އޭނާ އެމެރިކާއާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އީރާނުން ވެސް ދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ޑްރޯން އާއި މިސައިލް ހަމަލާތައް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު