އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް
ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ މީހެއްގެ ފަހަތުގައި ލޯމަރައިގެން ހުންނެވުމަށް ނޫންކަމަށާއި، ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައިކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ، މިސަރުކާރުގައި "ބްރޯ" ހެދިގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް މިސަރުކާރަކީ އިޞްލާހަށް މަސައްކަތްކުރި ވަރަށް ގިނަބަޔަކު އިސްވެ ތިބެގެން ގެނައި ސަރުކާރެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުގައިވެސް އޮތީ ސަރުކާރުގެ އަޣްލަބިއްޔަތު ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޒު އުޅުއްވާ ގޮތާއިމެދު ހިތްޕުޅު ހަމަނުޖެހިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަންގަވައި މަގާމުން ވަކިކޮށްލުމަށް މަސައްކަތް ކުރަށްވާފައިވަނީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވަނީ މި ސަރުކާރުގައި "ބްރޯ" ހެދިގެން ނޫޅުމަށް ފައްޔާޒަށް އަންގަވައި އަދި އަމިއްލައަށް އިސްތިއުފާ ދެއްވުމަށްވެސް އަންގަވާފައެވެ.

ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީވެސް ފާއިތުވި 20 އަހަރާއި ނުބައްދަލު ބަދަލުތަކެއް ކަމަށާއި، އަބަދުވެސް ނުވާ ކަންކަމުގެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާނެކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީ ތެރެއިންނާއި މަޖިލިސް ތެރެއިން މަސައްކަތްކުރައްވާކަން އެނގިވަޑައި ނުގަންނަވާކަމަށާއި ނަމަވެސް މީޑިއާއިން އެފަދަ ވާހަކަތައް އައްސަވާފައިވާކަަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ވަކި މީހެއްގެ ފަހަތުގައި ލޯމަރައިގެން ނުހުންނަވާނެކަމަށާއި، ކުރިއަށް ވަޑައިގަންނަވާނީ އަމިއްލައަށް ވިސްނިވަޑައިގަންނަވާ އަދި ޤަބޫލުކުރައްވާ ގޮތަކަށް ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ރައްޔިތުން ގެނައި ހެޔޮ ބަދަލާއެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އައިސްފައިވާކަމަށާއި، މިނިވަންކަމާއެކު ވާހަކަދެއްކުމާއި، މިނިވަންކަމާއެކު ބަހުސްކުރެވޭނެ ނިޒާމެއް މިހާރު އެބައޮތްކަމަށް ފައްޔާޟް ވިދާޅުވިއެވެ. އެހެންކަމުން އެ މިނިވަންކަމާއެކު އުނދަގޫތަކެއްވެސް ހުންނާނެކަމަށާއި، ނަމަވެސް ޕަބްލިކް އަދި ސިޔާސީ މީހެއްނަމަ އެފަދަ އެތައް ކަމަކާއި ކުރިމަތިލާންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީރުކަމުގައި އަބުއިވެގެން އުޅުނު ޒަމާން މިހާރު ފާއިތުވެފައިވާކަަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު މިމަަޤާމާ ހަވާލުވެ މިހުރީ މާ މުހިންމު މަޤާމަކަށް ވެގެންނެއްނޫން އިނގޭތޯ. ތިން ސަބަބަކާހެދި މިމަޤާމާ ހަވާލުވީ އަޅުގަނޑު. ފުރަތަމަ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބައިއަތު ހިފައިގެން މިމަސައްކަތްފެށީތީ، އުޅުނީތީ. އެމަނިކުފާނު އެދިވަޑައިގަންނަވާހާ ދުވަހަކު ކުރިއަށްދާނަން މިމަޤާމުގައި. ދެވަނަކަމަކީ އަޅުގަނޑު މިޤައުމު ބައްޓަންކުރަން އަޅުގަނޑުގެ ތަސައްވުރާ އެއްގޮތަށް، އަޅުގަނޑުމެން ދައްކަމުން އައި ވާހަކަތައް ހަޤީގަތަކަށް ހެދުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި މިއޮތީ. ތިންވަނަ ކަމަކީ މިޤައުމަށް އެއަންނަ ބަދަލުތައް އަޅުގަނޑުވެސް މިޤައުމުގެ ރައްޔިތަކަށް ވާތީއާއެކު އަޅުގަނޑު ގެންނަން ބޭނުންވާ ބަދަލުތަކަކީ ގިނަ ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ބަދަލުތަކެއްކަން އަޅުގަނޑަށް ޤަބޫލުކުރޭތީ." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ވަޒީރުކަމުގެ މަޤާމުގައި ހުންނެވިޔަސް އަދި ނުހުންނެވިޔަސް ޤައުމު ބައްޓަންވާން ބޭނުންވަނީ އެގޮތަށްކަމަށެވެ. މިހާރު ލިބިފައި މިވަނީ ޤައުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަރަށް ކުރު މުއްދަތެއްކަމަށާއި، 2 އަހަރު ތެރޭގައި ޢުމްރާނީ ގޮތުންނާއި ޤާނޫނީ ގޮތުންނާއި ޤައުމު ހިންގުމުގެ ރޮނގުންވެސް ހީނުކުރާފަދަ ބަދަލުތަކެއް ގެންނަވާފައިވާކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އިކޮނިމިކް މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މަސައްކަތް ކުރަށްވާކަަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިސް ތެރޭގައި ނުހިނގާ ކަމަށާއި، އެކަމަކު އެމްޑީޕީގެ ތެރޭގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސޮއިވެސް ކުރަށްވާފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން