އިންޑިއާގައި "ޕެސިވް އޫތަނޭޝިއާ" ނުވަތަ ފަރުވާ ހުއްޓާލައިގެން މަރުވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައިވާ ހަރީޝް ރާނާ، ދިގު މުއްދަތަކަށް ކޯމާއެއްގައި އޮތުމަށްފަހު އައިމްސް ހޮސްޕިޓަލުގައި މަރުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ހަރީޝް މަރުވީ 13 އަހަރަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮތުމަށްފަހު، އިންޑިއާގެ ސުޕްރީމް ކޯޓުން އޭނާ މަރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ފަރުވާ ހުއްޓާލުމަށް ކުރި ހުކުމާ ގުޅިގެންނެވެ.

ހަރީޝް ކޯމާއަކަށް ދިޔައީ 2013 ވަނަ އަހަރު، އޭނާ އިންޖިނިއަރިންގ ކިޔަވަމުން ދިޔަ ދުވަސްވަރު އިމާރާތެއްގެ ހަތަރުވަނަ ބުރީގެ ބެލްކަނީން ވެއްޓި ބޮލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ. އޭގެ ފަހުން އޭނާ އޮތީ އެއްވެސް ހޭލަމޭލައެއް ނުވެ، ހަމައެކަނި އާޓިފިޝަލް ނިއުޓްރިޝަން ނުވަތަ ހޮޅިން ދޭ ކާނާގެ އެހީގައެވެ. އޭނާގެ ހާލަތު ރަނގަޅުވުމުގެ އެއްވެސް އުންމީދެއް ނެތުމުން، އޭނާގެ އާއިލާއިން ވަނީ އޭނާއަށް އަބުރުވެރި މަރަކުން މަރުވުމުގެ ފުރުސަތު ދިނުމަށް ކޯޓުގައި އެދިފައެވެ.

މިދިޔަ މާރިޗު މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ތާރީޚީ ހުކުމުގައި ބުނެފައިވަނީ، ހަރީޝްގެ ހަށިގަނޑަށް ދެމުންދާ ކާނާއާއި ފެން މަޑުމަޑުން މަދުކުރަމުން ގޮސް އޭނާ މަރުވުމުގެ ފުރުސަތު ދިނުމަށެވެ.

މި ނިންމުމާ އެއްގޮތަށް، އައިމްސްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ވަނީ އޭނާގެ ފަރުވާތައް ހުއްޓާލުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ހަށިގަނޑަށް ދެމުންދިޔަ ކާނާ މަޑުމަޑުން ހުއްޓާލުމަށްފަހު، ހަރީޝް މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިއީ އިންޑިއާގައި މިފަދަ ހުއްދައެއްގެ ދަށުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މި މައްސަލައަކީ އިންޑިއާގެ ގާނޫނީ ނިޒާމުގައި "ރައިޓް ޓު ޑައި ވިތު ޑިގްނިޓީ" ނުވަތަ އަބުރުވެރިކަމާއެކު މަރުވުމުގެ ހައްގާ ގުޅޭގޮތުން ކުރެވުނު ވަރަށް ބޮޑު ބަހުސަކަށްފަހު ނިންމުނު ނިންމުމެކެވެ. ހަރީޝްގެ މަރާއެކު، އުންމީދެއް ނެތް ބަލިމީހުންގެ ފަރުވާ ހުއްޓާލުމާ ގުޅޭ އުސޫލުތަކަށް އިންޑިއާގައި އާ ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު