އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ދެމުންދާ ޙަމަލާތަކުގައި އެޤައުމަށް ކާމިޔާޔާބަށް އެދޭކަމަށް އިސްލާމް ދީނުގެ ދަޢުވަތު ފޯރުކޮށްދިނުމުގައި އިސްސަފުގައި ޙަރަކާތްތެރިވާ މަންފާ ޖަމިއްޔާގެ ފައުންޑަރ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލީ ރަމީޒުގެ ޕޯސްޓުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ މަޝްރަހަށް އަލިއަޅުއްވާލައްވައި، ސަރަހައްދީ މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އޭނާ ފާޅުކުރެއްވި ޝުޢޫރެކެވެ.



މި ޕޯސްޓަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ބައެއް ފަރާތްތަކުން އޭނާގެ މި ވާހަކަފުޅަށް ތާއީދުކުރަމުންދާއިރު، ހަނގުރާމައިގެ މި ނާޒުކު ވަގުތުގައި މިފަދަ ޚިޔާލެއް ފާޅުކުރެއްވުމުން އެކި ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތަށް މާނަކުރަމުންނެވެ.

ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު އޭނާ ކުރިން މަސައްކަތް ކުރެއްވި ސަލަފް ޖަމިއްޔާގެ ޝައިޚް ސަމީރު ވިދާޅުވެފައިވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުން ދޭ ޙަމަލާތަކަކީ މުސްލިމުން އެދޭ ކަމަކަށް ވީނަމަވެސް، އިސްލާމްދީނާއި އުންމަތުގެ ދިފާޢުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި އީރާންގެ ވެރިން މަތިވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން، އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން، މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރު ދަނީ އިސްރާއީލުގެ އިތުރުން، އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ.

އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫޙީ ލީޑަރުގެ އިތުރުން، އެ ގައުމުގެ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ ޝަހީދުކޮށްލާފައެވެ. މިކަމާ ގުޅިގެން، އީރާނުގެ އައު ރޫޙީ ލީޑަރުގެ މަގާމަށް މިހާރު އައްޔަން ކުރަށްވާފައިވަނީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ.



ކިޔުންތެރިންގެ ހިޔާލު