ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާ އިމާރާތްތަކާއި މެޝިނަރީ ހޯދުމަށް ބޭނުންވާ ބަޖެޓުގެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި، ވަރަށް އަވަހަށް ރަށްރަށުގައި މި މަސައްކަތްތައް އަމަލީގޮތުން ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއަކީ ރަށްރަށުގައި ދެވޭ އާންމު ހިދުމަތްތަކުގެ މެއިންޓެނަންސް މަސައްކަތްތަކަށް ހިނގާ ހަރަދު ކުޑަކުރުމުގެ މަގްސަދުގައި ފަށާ މަސައްކަތެކެވެ. މިހާރު އޮންނަ އުސޫލުން ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް މާލެއިން މެޝިނަރީއާއި ފަންނީ މީހުން ގެންދަން ޖެހުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޔުނިޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން، އަދި ގއ. ވިލިނގިއްޔެވެ.

ވަޒީރު ވިދާޅުވީ މި ހުރިހާ ރަށަކުންވެސް އިދާރީ އިމާރާތާއި ހެވީ ވެހިކަލްތައް ބެހެއްޓުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި 9.1 މިލިއަން ޑޮލަރުގެ މެޝިނަރީ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކޮންމެ ޕަބްލިކް ވޯކްސް ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކްސްކަވޭޓަރު، ލޯޑަރު، ގްރޭޑަރު، ކޮމްޕެކްޓަރު، 15 ޓަނާއި 10 ޓަނުގެ ޑަމްޕްލޮރީ، ކޮމްޕްރެސަރު، ވެލްޑިންގ ޕްލާންޓް އަދި ޓްރޯލީޖެކް ހިމެނެއެވެ. މީގެ އިތުރުން 4 މޮބައިލް ޔުނިޓެއްވެސް ގާއިމުކޮށް، ބަނދަރާއި މަގުތައް މަރާމަތުކުރުމަށް ބޭނުންވާ ހާއްސަ ސެޓަޕްތައް ގެނައުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 516 މުވައްޒަފުން ވަޒީފާއަށް ނެގުމަށް ހަމަޖެހިފައިވާ އިރު، މިހާތަނަށް 141 މުވައްޒަފުން ނެގުމުގެ ހުއްދަ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ލިބިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު