ދިވެހި ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 75 އަހަރުގައި އަބްދުއްޝަކޫރު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ބެންގަލޫރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނު ރާއްޖެ ގަޑިން 10:15 އެހާއިރުއެވެ.

ނިޔާވި އަބްދުއްޝަކޫރަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި އިހުލާސްތެރިކަމާއެކު 43 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ހިދުމަތުގެ އިތުރުން، އޭނާ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔާގެ މަގާމުވެސް ފުރުއްވާފައެވެ.

އަބްދުއްޝަކޫރު ނިޔާވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ފުލުހުންގެ މުއައްސަސާއިން ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ އެ މުއައްސަސާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ނަމޫނާ ޝަހުސިއްޔަތެކެވެ.



ކިޔުންތެރިންގެ ހިޔާލު