މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، އީރާނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކަށްފަހު ގްރީސްގެ ކްރީޓްގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒަށް އެނބުރި ގޮސްފިއެވެ.

އޭއެފްޕީގެ ރިޕޯޓްތައް ބުނާގޮތުން މި މަނަވަރު ހޯމަ ދުވަހު ބަނދަރުކޮށްފައިވާއިރު، މި މަނަވަރު ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދިޔަ ވަރުގަދަ އަސްކަރީ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް، މާރިޗު މަހުގެ 12 ވަނަ ދުވަހު ޖެރަލްޑް އާރް ފޯޑްގެ ލޯންޑްރީ ރޫމްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ފަޅުވެރިއަކަށް އަނިޔާވެ، މަނަވަރުގެ 100 އެނދަށް ގެއްލުންވުމާ ގުޅިގެން މަނަވަރުގެ މަސައްކަތްތަކަށް ބައެއް ދަތިތަކާ ކުރިމަތިވިއެވެ.

ކަނޑުމަތީގައި ނުވަ މަސް ދުވަސް ހޭދަކޮށްފައިވާ މި މަނަވަރު ވަނީ މެދުއިރުމަތީގެ އިތުރުން ކެރީބިއަން ސަރަހައްދުގައިވެސް ތަފާތު އޮޕަރޭޝަންތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ސްމަގްލްކުރާ ބޯޓުތައް ހުއްޓުވުމާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓޭންކަރުތައް ހިފެހެއްޓުމުގެ އިތުރުން ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އެމެރިކާގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ހިމެނެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ޖެރަލްޑް އާރް ފޯޑް ހަނގުރާމައިގެ މައިދާނުން ދުރުވުމަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ބާރު ކުޑަވެގެންދާނެ ކަމެކެވެ.

ޕެން ވޮޝިންގްޓަންގެ ޑެނިއަލް ޝްނައިޑަމަން ފާހަގަކުރެއްވި ގޮތުގައި، މަނަވަރު ދިޔަ ނަމަވެސް އެއާއެކު ދަތުރުކުރާ ވައިގެ ދިފާއީ ނިޒާމުތައް ހުރި އެހެން އުޅަނދުތައް އިޒްރޭލު ކައިރީގައި މަޑުކޮށްފިނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ އަސަރުތައް ކޮންމެވެސް މިންވަރަކަށް ކުޑަކުރެވިދާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވައިގެ ހަމަލާތަކުގައި ޖެރަލްޑް އާރް ފޯޑްގެ އިތުރުން ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުވެސް ވަނީ ބައިވެރިވެފައެވެ. ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއެކު ހިންގި މި އޮޕަރޭޝަންތަކުގައި މި ދެ މަނަވަރުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު