ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ވާހަކަ ރައީސް މުއިއްޒު އަލުން ތިލަކުރެއްވުމަކީ، ގައުމުގެ އަސްލު މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ޖެހި ސިޔާސީ މަޅިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ބިލެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ހިނގާ މަޖިލިސް ދައުރުގެ ތެރޭގައި އެ ބިލް ހުށަހަޅުއްވައި، ބިލް ތަސްދީގު ކުރެވޭ ހިސާބުން ފެށިގެން ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުންނަށް މަރުގެ އަދަބު ދޭން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

"ބިލް މަޖިލީހުން ފާސްވެ ތަސްދީގު ކުރެވޭ ހިސާބުން ފެށިގެން ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމާބވާ ހުރިހާ ފަރާތްތަކެއް މަރުގެ އަދަބު ތަންފީޒުކުރެވޭނެ މި ސަރުކާރުގައި،" ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސިޔާސީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ ނާޒުކު މައުލޫއެއް ކުރިއަށް ނެރުއްވުމަކީ ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާތީ، ރައްޔިތުންގެ ސަމާލުކަން ހޯދައި ވޯޓު ހޯދުމަށް އެޅި ފިޔަވަޅެކެވެ.

މުޅި ދުނިޔެަށް ބޯމަތިވެފައިވާ މިވާ އިގްތިސާދީ ލޮޅުން ތެރޭގައި، ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ވަގުތެއްގައި، މިފަދަ "ސެންސޭޝަނަލް" ވާހަކައެއް ދެއްކުމަކީ ރައްޔިތުންގެ ޖަޒުބާތާ ކުޅުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ނެތްއިރު، އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ މިފަދަ މައްސަލައެއްގައި ސަރުކާރުން ކުއްލިއަކަށް މި ފެށި މަސައްކަތަކީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެން ކުރާ ކަމެއް ނޫންކަން ބިލް ހުށަހަޅާ ވަގުތުންވެސް ހާމަވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ކޮންމެ އިންތިޚާބެއް ކައިރިވުމުން "މަރުގެ އަދަބު" ތަންފީޒުކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަކީ، ވޭތުވެދިޔަ ސަރުކާރުތަކުންވެސް ބޭނުންކޮށްފައިވާ، އަދި މިހާރު ބާވެފައިވާ ސިޔާސީ އޮޅުވާލުމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު