ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަކުގެ މިލްކިއްޔާތުގައި އޮންނަ ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލަންޖެހޭ އުސޫލަށް ބަދަލު ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓް ނުވަތަ ގޯއްޗެއް ލިބޭއިރު، އެމީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އެ ބިން އާއިލާގެ މެންބަރަކަށް ދެވޭގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ، އެފަދަ ކުދި ބިންކޮޅުތައް ޖެހެނީ ސަރުކާރަށް ދޫކޮށްލާށެވެ.

ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން، ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ ނަމަށް ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މިހާތަނަށް ދޫކުރި ފްލެޓްތަކާ ގުޅިގެން މިހާރުވެސް ބިން ދައުލަތަށް ދޫކޮށްލާފައިވާ ފަރާތްތަކަށްވެސް، މި އާ އުސޫލުގެ ދަށުން އެ ބިން އަލުން އާއިލާގެ މީހެއްގެ ނަމަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބިމެއް ދައުލަތަށް ދޫކޮށްލަން ޝަރުތުކުރާނީ ހަމައެކަނި އެމީހެއްގެ ނަމުގައި ސޯޝަލް ހައުސިންގް ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް އޮންނަ ހާލަތްތަކުގައި އެކަނި ކަމަށެވެ. މި ބަދަލާ ގުޅޭ ތަފްސީލީ އުސޫލުތައް ސަރުކާރުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު