އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތަސްނީމް ނިއުސް އެޖެންސީގެ "ވޯ އިންޓަޕްރިޓޭޝަން ގްރޫޕް" އިން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ޑިސްޓްރޯޔާ މަނަވަރުތަކަށް މިހާރު ވަނީ ހަތިޔާރު މަދުވުމުގެ ސަބަބުން ހަމަލާދިނުމުގެ ގާބިލުކަން ކުޑަވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.

ސައިޕްރަސް ކައިރިން އެމެރިކާގެ ސަބްމެރީނަކުން ކްރޫޒް މިސައިލް ފޮނުވާލާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާއެކު، ކުރިން މިޝަންތަކުގައި ބޭނުންކުރި ޑިސްޓްރޯޔާ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކުރެވޭ ޝައްކުތަކަށް ވަނީ ބާރު ލިބިފައެވެ.

މިކަމުގައި ފާހަގަކޮށްލަންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، ޑިސްޓްރޯޔާ މަނަވަރުތަކާއި ސަބްމެރީންތަކަށް ކަނޑުމަތީގައި ތިބެގެން އަލުން މިސައިލް ބަރުކުރެވޭނެ އިންތިޒާމެއް ނެތުމެވެ.

އެހެންކަމުން، ހަތިޔާރު ބަރުކުރުމަށްޓަކައި އެ އުޅަނދުތައް ކޮންމެހެންވެސް ކަނޑުގެ އަސްކަރީ މަރުކަޒުތަކަށް އެނބުރި ދާންޖެހުމުގެ ސަބަބުން، ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކަށް މެދުކެނޑުމެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް "އާލީ ބާކް" ކްލާހުގެ ޑިސްޓްރޯޔާ މަނަވަރުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ކުޑަވުމުގެ މައްސަލަ މިހާރު ދަނީ ބޮޑުވަމުންނެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި މި އަސްކަރީ ކެމްޕޭން ފަށާފައިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އިތުރުން، އަސްކަރީ އިސް ކޮމާންޑަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، މީގެ ރައްދުގައި އީރާނުންވެސް ދަނީ އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު