ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްކަމަށް އަދި ނުފެންނަ ކަމަށް މިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ސަރުކާރުން މި ހަނގުރާމައިގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި އިގްތިސާދު ހިމާޔަތްކުރުމަށްޓަކައި، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް އައި ހުށަހެޅުންތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހަނގުރާމައިގެ ތެރެއިން ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަށް އިރާނުން މިސައިލް ހަމަލާ ދިންކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން، ސްރީލަންކާ ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް އިރާންގެ އަސްކަރީ މަނަވަރަކަށް އެމެރިކާއިން ސަބްމެރިން ހަމަލާތަކެއް ދީފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އެ ހަމަލާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކޮށްފައިވަނީ ސްރީލަންކާއިންނެވެ.

ސަރުކާރުން މިއަދު ބުނީ، މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، އިޤްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު