ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ ގޮތުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓާ ވިސާ" ތައާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިގް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ އައު ކަންތައްތަކެއް ތައާރަފްކުރުން ކަމަށެވެ. އެގޮތުން، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުކުރުމަށްޓަކައި ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށް މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ޓޫރިސްޓުން މި އަންނަނީ އޮން އެރައިވަލް ވިސާ މި ލިބެނީ 30 ދުވަހަށް. އެ 30 ދުވަސް ފަސޭހައިން އެކްސްޓެންޑް ކުރެވޭނެ ގޮތްތަކެއް ހަދަން އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ފައްޓައިފިން. މިވަގުތު އޮތީ ވަރަށް އުނދަގޫ ގޮތަކަށް އެކްސްޓެންޑް ކުރަންޏާ 90 ދުވަހަށް. ފަސޭހައިން އެކްސްޓެންޑް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ރާވާ ކަންތައްތައް ރޯލް އައުޓް ކުރާނަން،" ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު އާންމުވަމުންދާ "ރިމޯޓް ވޯކިން" ނުވަތަ ދުރުގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ވިސާއެއްގެ އިތުރުން، ސޯޝަލް މީޑިއާގައި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް "ކޮންޓެންޓް ކްރިއޭޓާ ވިސާ" ތައާރަފްކުރުމުގެ ފަންނީ ދިރާސާތައް ކުރަމުންދާ ކަމަށްވެސް ޠާރިގް ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، މިފަދަ ވިސާތަކެއް ތައާރަފްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރު ދިރުމެއް ދިނުން ކަމަށެވެ. ބޭރު ގައުމުތަކުގެ ރިމޯޓް ވޯކަރުންނާއި ކޮންޓެންޓް ކްރިއޭޓަރުން ރާއްޖެ އައިސް ގިނަ ދުވަހު މަޑުކުރުމުން، ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އިތުރުވެ، ރަށްރަށުގެ އިގްތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އަދި މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު