އިރާނަކީ އިސްވެ ގައުމުތަކަށް ހަމަލާދޭ ގައުމެއް ނޫން ކަމަށާއި، އެ ގައުމުން އެކި ތަންތަނަށް ހަމަލާދޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެހެން ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާއެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

ސިއްދީޤު މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިރާނުން ހަމަލާދޭ ކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ.

ސިއްދީޤު އިތުރަށް ވިދާޅުވީ، އަރަބި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން އެމެރިކާގެ ބާރުގެ ދަށުވެ، އެމީހުން ބުނާހާ ގޮތަކަށް އަމަލުކުރަން ޖެހުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. މިއީ ހަމައެކަނި މުސްލިމުންގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، ދުނިޔޭގެ ސުލްހަ ދެމިއޮތުމަށް އެދޭ ކޮންމެ މީހަކުވެސް މިކަމާ މެދު ވިސްނާ ފިކުރުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.





ހާއްސަކޮށް، އީރާނުން ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯގާސިއާއަށް ހަމަލާދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އީރާނުގެ މިސައިލް ގާބިލިއްޔަތު ހުރި މިންވަރު ދުނިޔެއަށް ދައްކައި، އެއީ ބަހަނާއަކަށް ހަދައިގެން އެ ގައުމަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާ ބައިއަތު ހިފުވުމަށް ހިންގާ ރޭވުމެއްގެ ގޮތުގައި ސިއްދީޤު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އީރާނަކީ އަބަދުވެސް ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން، ހަމަލާ ދިނުމުގެ ކުރިން އިންޒާރު ދޭ ގައުމެއް ކަމަށެވެ.

ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ އެއްވެސް ގާނޫނަކަށް ބެލުމެއް ނެތް ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައި ސިއްދީޤު ވަނީ ސިފަކުރައްވާފައެވެ. ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އެމެރިކާއަށް މިފަދަ ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައިވީ ނަމަވެސް، މި މައްސަލައިގައި ސަރުކާރުގެ ރަސްމީ ސިޔާސަތު އޮތީ ވަރަށް ފިނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު