ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއް-
ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއް-
އިންސާނާގެ ހަށިގަނޑު އުފެދިގެން އަންނަނީ ކާއިނާތުގެ މަތިވެރި ރޭވުންތެރިކަމުގެ ދަށުން، ނުހަނު ފުރިހަމަ އަދި ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް، ބައެއް ފަހަރު މި އުފެދުމުގެ މަރުހަލާގެ ތެރޭގައި އަންނަ ކުޑަކުޑަ ޖެނެޓިކް ބަދަލަކީ އެ އިންސާނެއްގެ މުޅި ދިރިއުޅުމުގެ ސިފަޔާއި ތަޞައްވުރު ބަދަލުކޮށްލާ ކަމެކެވެ. "ޑައުން ސިންޑްރޯމް" އަކީ މިފަދަ ތަފާތުވުމެކެވެ. ގިނަ ބަޔަކު މިއީ ބައްޔެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ހަގީގަތުގައި މިއީ އުފެދުމުގައި ހުންނަ ތަފާތުވުމެކެވެ. މިއީ އެއްވެސް މީހެއްގެ އިހުމާލަކުން ނުވަތަ ކުރާ ކަމަކުން މެދުވެރިވާ ހާލަތެއް ނޫނެވެ.

ސައިންޓިފިކް ގޮތުން ބަލާއިރު، އާންމު އިންސާނެއްގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ހުންނަނީ 46 ކްރޮމޯސޯމެވެ. ނަމަވެސް ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް ނުވަތަ ބައެއް ހުރެއެވެ. މީގެ މާނައަކީ އެކުދިންގެ ހަށިގަނޑުގައި ޖުމްލަ 47 ކްރޮމޯސޯމް ހުރުމެވެ. މި އިތުރުވާ ކްރޮމޯސޯމްގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި، ސިކުނޑީގެ ތަރައްޤީއަށް އަދި ބޭރުފުށުގެ ސިފަޔަށް ބަދަލުތަކެއް އާދެއެވެ. މި ބަދަލުތަކަކީ އެކުދިންގެ އަމިއްލަވަންތަކަން ހާމަކޮށްދޭ، އެކުދިންނަށް ލިބިފައިވާ "ޚާއްޞަ" ސިފަތަކެކެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރަކީ "ކަނޑައެޅިފައިވާ ނުބައި ތަޞައްވުރުތައް ނައްތާލުން" ނުވަތަ "އެންޑް ދަ ސްޓީރިއޯޓައިޕްސް" މިއެވެ. މިއީ މުޖުތަމައަށް ދެވޭ ވަރަށް މުހިންމު މެސެޖެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ވަކި ކަންތައްތަކެއް ނުކުރެވޭނެ، ނުވަތަ ވަކި ގޮތަކަށް އުޅޭނެ ބައެއް ކަމަށް ދެކޭ ނުބައި ވިސްނުންތައް މިއަދު ބަދަލުކުރަން ޖެހެއެވެ. އެކުދިންނަކީވެސް އަމިއްލަ މިނިވަން ވިސްނުމާއި، ފުން އިހުސާސްތަކާއި، އަދި ތަފާތު ހުނަރުތަކެއް ލިބިގެންވާ ބައެކެވެ. އެކުދިންނަށް ބޭނުންވަނީ އެހެން މީހުންނެކޭ އެއްފަދައިން ބަލައިގަތުމެވެ.

އަޅުގަނޑުމެންގެ ދިވެހި މުޖުތަމައަށް ބަލާއިރުވެސް، މި ހާލަތު ތަހައްމަލު ކުރަމުންދާ އެތައް ކުދިންނެއް އެބަތިއްބެވެ. މި ކުދިންނަކީ މުޖުތަމައުގެ އެހެން ކުދިންނެކޭ އެއްފަދައިން އޯގާތެރިކަމާއި، ލޯތްބާއި، އަދި އެންމެ މުހިންމުކޮށް ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ. އެކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތެރަޕީތަކާއި، އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި ދައުލަތުގެ ނުވަތަ ވަކި ބައެއްގެ ޒިންމާއެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ އިންސާނީ ޒިންމާއެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ނުބައި ވިސްނުންތަކާ ޚިލާފަށް، ޑައުން ސިންޑްރޯމް ހުރުމަކީ ކާމިޔާބީގެ މައިދާނުގައި ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހާލަތު ހުންނަ ފަރާތްތަކުން ވަނީ ދުނިޔެ ހައިރާންކޮށްލަނިވި ކާމިޔާބީތައް ހޯދާފައެވެ. މިސާލަކަށް ސްޕެއިންގެ ޕަބްލޯ ޕިނެޑާ އަކީ ޑައުން ސިންޑްރޯމް ހުރެމެ ޔުނިވަރސިޓީން މަތީ ތައުލީމު ހާސިލުކޮށް، ކާމިޔާބު އެކްޓަރަކަށް ވެފައިވާ މީހެކެވެ. އަދި އޮސްޓްރޭލިއާގެ މެޑްލިން ސްޓުއާޓް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފެޝަން މޮޑެލްއެވެ. އޭނާ ވަނީ ނުކުޅެދުންތެރިކަމުގެ ތަޞައްވުރު ބަދަލުކޮށްލައި، ދުނިޔޭގެ އެންމެ ބޮޑެތި ރަންވޭތަކުގައި ފައިތިލަ ސާބިތުކޮށްފައެވެ. ރާއްޖޭގައިވެސް މިފަދަ ކުދިން ވަނީ ކުޅިވަރާއި އާޓްސްގެ ދާއިރާއިން އާދަޔާ ޚިލާފު ހުނަރުތައް ދައްކައި، ގައުމީ ފެންވަރުގައި ޝަރަފުވެރި ވަނަތައް ހޯދާފައެވެ. މިއިން ކޮންމެ މިސާލަކުން ހާމަވަނީ އެކުދިންނަށް ބޭނުންވަނީ ހަމްދަރުދީ ނޫން ކަމާއި، އެކުދިންނަށް ބޭނުންވަނީ ހަމަހަމަ ފުރުޞަތުތައް ކަމެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ މުޖުތަމައަށް އޮތް ބުރައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ބަގީޗާގައިވާ އެންމެ ރީތި "ޚާއްޞަ" މާތަކެވެ. އެކުދިންގެ ކިބައިގައި ހުންނަ މައުސޫމްކަމާއި، ތެދުވެރި ހިނިތުންވުމާއި، އަދި ގަދައަޅާ މަސައްކަތްކުރުމުގެ ރޫހަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ ވަރަށް ބޮޑު އިބުރަތެކެވެ.

އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ހުނަރުތައް ކުރިއެރުވުމަށް ފުރުޞަތު ދީފިނަމަ، ކޮންމެ ކުއްޖަކީވެސް މުޖުތަމައަށް ފައިދާހުރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކާމިޔާބު ފަރުދަކަށް ވާނެކަން ކަށަވަރެވެ. ތަފާތުތަކާއެކުވެސް ފުރިހަމަވެވިދާނެކަން އެކުދިން މިއަދު އެދަނީ ސާބިތުކޮށްދެމުންނެވެ. އެހެންކަމުން، އެކުދިން ބާކީ ނުކޮށް، ލޯތްބާއެކު އަތުގައި ހިފައިގެން ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ އިންސާނީ ވާޖިބެކެވެ.



ކިޔުންތެރިންގެ ހިޔާލު