ސްރީލަންކާގެ މަޓާލާ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރުމަށް އެމެރިކާގެ އަސްކަރީ ދެ މަތިންދާބޯޓަކުން އެދުނު އެދުމަށް، އެ ޤައުމުގެ ސަރުކާރުން ނޫނެކޭ ބުނެފިއެވެ.

ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ވިދާޅުވީ، ޖިބޫޓީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކުން ފުރައިގެން އަންނަ ދެ ބޯޓެއް މި މަހުގެ 4 އަދި 8 ވަނަ ދުވަހު މަޓާލާ އެއާޕޯޓަށް ތިރިކުރުމުގެ ހުއްދައަށް އެމެރިކާއިން އެދުނު ކަމަށެވެ. ނަމަވެސް، އެ ބޯޓުތަކަކީ އަށް އެންޓި-ޝިޕް މިސައިލް ހަރުކޮށްފައިވާ ހަނގުރާމަވެރި ބޯޓުތަކަކަށް ވުމާއެކު، އެ ފުރުޞަތު ދެވެން ނެތްކަމަށް ލަންކާ ސަރުކާރުން ނިންމީ ކަމަށް އަނޫރާ ވިދާލުވިއެވެ.

ރައީސް ދިސާނާޔަކަ ވިދާޅުވި ގޮތުގައި، ލަންކާގެ މި ނިންމުމަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި ވަކި ފަރާތަކަށް ނުޖެހި އޮތުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކިތަންމެ ފިއްތުންތަކެއް ކުރިމަތިވިޔަސް ވަކި ފަރާތަކަށް ނުޖެހި ތިބުމަށް. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް އެބަހުރި، ނަމަވެސް ވަކި ފަރާތަކަށް ނުޖެހުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުން އައިސްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ލަންކާގެ ދެކުނު އައްސޭރިފަށާ ކައިރިން އީރާނުގެ އަސްކަރީ މަނަވަރެއް ކަމަށްވާ 'އައިއާރުއައިއެސް ދޭނާ' އަށް އެމެރިކާއިން ޙަމަލާދީ 84 މީހުން މަރާލާފައިވާ ހިތްދަތި ދަނޑިވަޅެއްގައެވެ. އެ ޙާދިސާގައި ލަންކާގެ ކަނޑުގެ ސިފައިން ވަނީ ކަނޑުވި 32 މީހަކު ސަލާމަތްކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ ތިން މަނަވަރެއް ލަންކާއަށް ބަނދަރުކުރުމުގެ ހުއްދައަށް މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި އެދުނު ނަމަވެސް، ހަމަހަމަކަން ޤާއިމުކުރުމުގެ ގޮތުން އެ ހުއްދަވެސް ދީފައެއް ނުވެއެވެ. ރައީސް ވިދާޅުވީ އީރާނަށް ހުއްދަ ދީފިނަމަ އެމެރިކާއަށްވެސް ހުއްދަ ދޭންޖެހޭނެތީ، ދެ ފަރާތަށްވެސް ހުއްދަ ނުދިނީ ކަމަށެވެ. އެހެންނަމަވެސް، އިންސާނީ އެހީތެރިކަމުގެ ގޮތުން އީރާނުގެ 'އައިއާރުއައިއެސް ބޫޝެހެރް' ޓްރިންކޮމަލީއަށް ބަނދަރުކުރުމުގެ ހުއްދަ ފަހުން ވަނީ ދީފައެވެ.

ރައީސް ދިސާނާޔަކަ މިކަން ހާމަކުރެއްވީ އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ސިފަކުރާ ގޮތުގައި ލަންކާގެ މި ނިންމުމަކީ ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު