ސަލްދިން ވަލިމޮހްމަދް ރުއްފިން
ސަލްދިން ވަލިމޮހްމަދް ރުއްފިން
އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ދަތުރުކުރި ފޮށިތަކުގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ކަސްޓަމްސްއިން އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުންނެވެ. އޭނާ ހައްޔަރުކުރުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މީހާ އަތުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަތުލައިގަނެވުނު މި ތަކެތީގެ ބާވަތް ދެނެގަތުމާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު