ބޯޑަރުތައް ބަންދުކުރުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ޣައްޒާގައި އީދު ކާނާ ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިވެފައިވީ ނަމަވެސް، އާއިލާތަކުން ދަނީ އެމީހުންގެ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ އުތުރުގައި ހުރި ބައެއް ބައިތައް ހަލާކުވެފައިވާ ގެއެއްގެ ތެރެއިން މީރުވަސް ދުވަމުންދެއެވެ. އުމުރުން 60 އަހަރުގެ ސަމީރާ ތޫމާން، އޭނާ ތައްޔާރުކޮށްފައިވާ "ކާކް" އަދި "މާމޫލް" ބިސްކޯދުތައް ފިހުމުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދެއެވެ.

ހަތް ކުދިންގެ މަންމައެއް ކަމަށްވާ ސަމީރާ، އޭނާގެ އަންހެން ދަރިންނާއި ޅީދަރިންނާއެކު ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި ބުރަކޮށް މަސައްކަތް ކުރަމުންދަނީ އީދަށް ތައްޔާރުވުމަށެވެ. މިއީ އޮކްޓޯބަރު މަހުގެ ހަމަލާތަކަށްފަހު ޣައްޒާގެ ރައްޔިތުންނާ ބައްދަލުކުރާ ފުރަތަމަ އީދެވެ.

ސަމީރާ ވަރަށް ފަރުވާތެރިކަމާއެކު ފުށްގަނޑު މޮޑެ، އެކި ބައްޓަންތަކަށް ފަރުމާކުރަމުން ދާއިރު، އޭނާގެ ދަރިފުޅު ދަނީ ފުށްގަނޑުގެ ތެރެއަށް އެޅުމަށްޓަކައި ކަދުރުގެ މަޑު ފުށްގަނޑެއް ތައްޔާރުކޮށް އޭގެ ތެރެއަށް ތަރުތަރު (ސެސަމީ) އަޅައި ގުޅަވަަަރުވަމުންނެވެ.

މި މަސައްކަތް ތަކުރާރުކުރަމުން ގޮސް، އެންމެ ފަހުން ފިހުމުގެ މަރުހަލާއަށް ދެއެވެ. އަދި ފިހެ ނިމުމުން އެ ތަކެތި ގުނައި ތަރުތީބު ކުރެއެވެ.

ދަރު އަންދައިގެން ތައްޔާރުކޮށްފައިވާ އަވަން ކައިރީގައި ތިބެ ސަމީރާއާއި އޭނާގެ ދަރިން ފަހަރަކު މީހަކު ފިހުމުގެ މަސައްކަތް ކުރެއެވެ. ކައްކާ ގޭސް ނެތުމުގެ ސަބަބުން މިއީ މި މަސައްކަތުގެ އެންމެ އުނދަގޫ މަރުހަލާ ކަމުގައި އެމީހުން ބުނެއެވެ. އެހެންނަމަވެސް، އެ ދަތިތަކާއެކުވެސް އެމީހުން ތިބީ މި މަސައްކަތް ނިންމުމަށް އަތްގަދަކޮށްލައިގެންނެވެ.

"މިއީ އީދު މޫސުން، މިއީ ބަރަކާތްތެރި ދުވަސްތަކެއް. ހަނގުރާމައިގެ ކުރިން އީދު ވިލޭރޭ ފަތިސްވަންދެން އަހަރެން މި މަސައްކަތުގައި އުޅެން. މިހާރު ކުރިއެކޭ އެއްގޮތަށް ކުލަގަދަކޮށް އީދު ފާހަގަނުކުރެވުނަސް، މި އާދަކާދަ ދޫކޮށްލާކަށް ބޭނުމެއް ނޫން،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި، އަލިފާންގަނޑުގެ ހޫނުން ނިތްކުރިން އޮހެމުންދިޔަ ދާފޮދު ފޮހެލަމުން ސަމީރާ ކިޔައިދިނެވެ.

މި އަހަރު މި އާއިލާއިން ތައްޔާރުކުރާ ބިސްކޯދުތަކަކީ ހަމައެކަނި އެމީހުންގެ ގޭގައި ބޭނުންކުރުމަށް ތައްޔާރުކުރާ އެއްޗެއް ނޫނެވެ. އަވަށްޓެރިންނާއި އެހެނިހެން މީހުންގެ ފަރާތުން ލިބިފައިވާ އޯޑަރުތަކަށްވެސް އެމީހުން ތަކެތި ތައްޔާރުކޮށްދެއެވެ. މީގެ ސަބަބުން ފިޠުރު އީދާ ދިމާކޮށް އާއިލާއަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބިގެންދެއެވެ.

"ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވި ނަމަވެސް، މާތްﷲގެ އިރާދަފުޅުން މީހުންގެ ތަރުހީބު ވަރަށް ބޮޑު. އެންމެންވެސް ބޭނުންވަނީ ދިރިއުޅުމައިގެން ކުރިއަށްދާން، އަދި އީދުގެ އެ އުފާވެރި އިހުސާސް ކޮންމެވެސް މިންވަރަކަށް ނަމަވެސް އަލުން ހޯދަން،" ސަމީރާ އިތުރަށް ބުންޏެވެ.

ހަމަލާ ތަކާއެކު ގެއްލުން ލިިބިފައިވާ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންނަށް ހިނިތުންވުމެއް ގެނެސްދިނުމަށް އެތަކެއް އާއިލާތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު