އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް
"ލޮލަކަށް ލޮލެއްގެ" އުސޫލުން ކުރިމަތިލުންތައް ފެށިއްޖެ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ހަނގުރާމައިގައި ކުރިމަތިލުންތަކުގެ އާ މަރުހަލާއެއް ވަނީ ފެށިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާލީބާފް ވިދާޅުވީ، އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ، އެމީހުންނަށް ކުރިމަތިވަމުންދާ ނާކާމިޔާބީތައް ފޮރުވުމަށްޓަކައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.

"މިހާރު އަމަލުކުރެވެމުންދަނީ 'ލޮލަކަށް ލޮލެއް'ގެ އުސޫލުންނެވެ. އަދި ކުރިމަތިލުންތަކުގެ މުޅިން އާ މަރުހަލާއެއް މިހާރު ވަނީ ފެށިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ރައްދުގައި، އީރާނުގައި އާ އިންގިލާބެއް އުފެދި، އެ ރޫޙު މުޅި ޤައުމުގެ މަގުތަކަށް ފެތުރިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ ޕޯސްޓް ނިންމާލައްވަމުން ލިޔުއްވާފައިވަނީ، "އީރާނު އޮތީ ނިދާފައެވެ. ނަމަވެސް ތިޔަބައިމީހުން އެ ޤައުމު ހޭލައްވައިފީއެވެ. ދެން އުފެދިގެންދާނީ ބޮޑު ތޫފާނެކެވެ." އޭ ބުނެ އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު