އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވިތާ ހަތަރު ދުވަސް ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ދިގުރަށުގައި ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވެފައިވާއިރު، އިތުރު ދެ މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް ސަރުކާރުންނާއި ރައީސް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ރައީސް އޮފީހުން މިއަދު ބުނީ އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވެ، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފިނުއްވާފައި ވާކަމަށެވެ.

އެގޮތުން ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި މި ދަތި ދަނޑިވަޅުގައި ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން، ހާއްސަކޮށް ނިޔާވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގު ނުކުރެވޭ ފަދަ މުހިންމު ދައުރެއް ކަމަށެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުމާއި ހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށާއި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގު ކުރުމަށާއި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު