ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިއޮތީ "ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި" ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދުނިޔޭގެ ބާޒާރަށާއި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 28 ރުފިޔާއަށް އަރާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތެލުގެ އަގަށް އައި މި ބޮޑު ބަދަލުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސަމާލުކަން މިވަގުތު ހުރީ އިގްތިސާދީ މިފަދަ ނާޒުކު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، އިންތިޚާބީ އަދި ސިޔާސީ އެކި ކަންކަމަށް ކަމަށެވެ. އަދި ސަރުކާރުގެ މިސްރާބު މިގޮތަށް ހުރެއްޖެނަމަ، އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.

މި ދަނޑިވަޅަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ނުހަނު ހަލަބޮލިވެފައިވާ ވަގުތެއް ނަމަވެސް، އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ތެލުގެ އަގު ބޮޑުވުމަކީ މުދަލާއި ޚިދުމަތުގެ އަގު އުފުލުމަށް މެދުވެރިވާ މައިގަނޑު ސަބަބަކަށް ވާއިރު، މިކަމަށް އަވަސް ހައްލެއް ބޭނުންވާކަން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.



ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރިއެވެ.

ނަމަވެސް އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހާމަކުރައްވާފައެވެ. އެ އީމެއިލްގައި ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ބޮޑުކޮށްފައިވާކަން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު