ރާއްޖޭގެ ސިޔާދަތު ގެއްލުމުން އެކަމުގެ ނުރައްކާ އެންމެ އަވަހަށް ކުރާނީ އިސްލާމީ ވަހުދަތަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރަށްވާފައެވެ. އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކޮންމެ ކަމަކުން އޭގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމީ ވަހުދަތަށް ކަމަށެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ތަހުޒީބު ކަމެއްކަމަށް ދެކޭ މީހުންނަކީ ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާ ބައެއްނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެވިސްނުން ގެންގުޅުއްވާ ބޭފުޅުންނަށް ރާއްޖޭގައި އެހެން ދީންތަކަށް ތަރުހީބުދީ ފައްޅި އެޅުމަށްވެސް ތަރުހީބު ދިނުމަކީ ދުރުކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.



މަޖިލީހުގެ އިދާރާގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ދިވެހިން ކަންބޮޑުވެގެން ނޫޅޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އަދި ކުޑަ ޑޯނިޔާ މަތިންދާ ބޯޓު ބަލަހައްޓައި އެތަކެތި އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި "އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގައި ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އިންޑިއާއާއި މިހާރުގެ ސަރުކާރުން ބާއްވަމުން ގެންދާ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށެވެ.

މިކަމުގެ ރަށްދެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ ބޮޑެތި އެހީތަކުން ހިންގާ ތަރައްގީގެ މަޝްރޫޢުތައް ފެނިފައި އިދިކޮޅު ފަރާތްތަކަށް އެކަންކަން ހަޖަމު ނުވަނީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު