ޑައިރެކްޓަރު ރޯހިތު ޝެޓީ މި ފިލްމުގެ އިއުލާން ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

މަޝްހޫރު ފިލްމީ އުފެއްދުންތެރިޔާ ރޯހިތު ޝެޓީގެ އުފަންދުވަހުގެ މުނާސަބަތުގައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ގޯލްމާލް" ފްރެންޗައިޒްގެ ޓީމުން ވަނީ މާރިޗު 14 ވަނަ ދުވަހު ފޭނުންނަށް ހައިރާންކުރުވަނިވި އުފާވެރި ޚަބަރެއް ދީފައެވެ. އެގޮތުން، މި ކޮމެޑީ ސީރީޒްގެ ފަސްވަނަ ފިލްމު "ގޯލްމާލް 5" ރަސްމީކޮށް އިއުލާންކޮށްފައިވެއެވެ. މަޖާ ހާދިސާތަކާއި ތަފާތު ކެރެކްޓަރުންގެ ސަބަބުން މަޝްހޫރުވެފައިވާ މި ސީރީޒަކީ އަބަދުވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮންނަ ފިލްމުތަކެކެވެ. މިފަހަރުގެ އެންމެ ހާއްސަ ކަމަކީ، ސްޕަރސްޓަރ އަކްޝޭ ކުމާރު މި ފިލްމުގެ ޓީމާ ގުޅުމެވެ. މީގެ ސަބަބުން ބެލުންތެރިންނަށް ލިބޭނެ މުނިފޫހިފިލުވުން ކުރިއަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ގޯލްމާލް 5 އިޢުލާންކުރުން

މި ފިލްމުގެ މަޖާ ވީޑިއޯއެއް ރޯހިތު ޝެޓީ ވަނީ އޭނާގެ އުފަންދުވަހު ހިއްސާކޮށްފައެވެ. ވީޑިއޯ ފެށިގެން އަންނަނީ އަޖޭ ދޭވްގަން، އަރުޝަދު ވަރްސީ، ޝްރެޔަސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި ތުޝާރު ކަޕޫރު، ޝަރުމަން ޖޯޝީ އަލުން މި ފްރެންޗައިޒާ ގުޅުމުގެ އުފާ ފާޅުކުރާ މަންޒަރުންނެވެ. ނަމަވެސް، އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ބޯބޭލުމަށްފަހު ތަފާތު ސިފައެއްގައި އަކްޝޭ ކުމާރު ފެނިގެންދިއުމުންނެވެ. ކަޅުކުލައިގެ ކުރުތާއަކާއި އަވިއައިނެއް އަޅައިގެން ވަރަށް ފުރިހަމަ ސިފައެއްގައި އަކްޝޭ ފެނެއެވެ. އަޖޭގެ ގާތުގައި އިށީނދެގެން އިނދެ، އޭނާގެ ކޮލަށް ބޮސްދިނުމަށްފަހު "މިއުޒިކް!" އޭ ބުނެ ހަޅޭއްލަވައިގަނެއެވެ. އެއާއެކު ގޯލްމާލްގެ މަޝްހޫރު ތީމް މިއުޒިކް ކުޅެން ފަށައި، މުޅި ޓީމު އައު ފިލްމުގެ މަސައްކަތް ފެށުމުގެ އުފާ ފާޅުކުރެއެވެ.

އަކްޝޭއަށް އިޝާރާތްކޮށް އަޖޭ ދޭވްގަން ސަމާސާ ރޫހެއްގައި ބުނެފައިވަނީ، އަކްޝޭ އެއްވެސް ފްރެންޗައިޒެއް ދޫނުކުރާ ކަމަށެވެ. އެއަށްފަހު އަކްޝޭ، ރޯހިތާއި އަޖޭގެ ގައިގައި ބައްދާލައި، ގޯލްމާލް 5 ގެ މުޅި ޓީމާއެކު ފޮޓޯއަށް ހުއްޓެއެވެ. ވީޑިއޯ ހިއްސާކުރަމުން ރޯހިތު ލިޔެފައިވަނީ، "މީގެ 20 އަހަރު ކުރިން ފުރަތަމަ ގޯލްމާލް ރިލީޒްވުމަކީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ކަމެއް. މީގެ ހުރިހާ ޝަރަފެއް ހައްގީ ތިޔަ ލޮބުވެތި ބެލުންތެރިންނަށް. ވޭތުވެދިޔަ 20 އަހަރު ތެރޭގައި އަހަރެމެން ތިޔަ ބޭފުޅުންނަށް އުފާވެރިކަން ގެނެސްދީފިން. ބައެއް ފަހަރު މާޔޫސްކަމެއް ލިބުނު ނަމަވެސް، އަހަރެމެން މަސައްކަތްކުރީ ވަރަށް އިޚްލާޞްތެރިކަމާއެކު. އެހެންކަމުން، މިހާރު އަނެއްކާވެސް އަހަރެންގެ ކުޅަދާނަ ޓީމާއެކު ގޯލްމާލް 5 ގެ މަސައްކަތް ފަށައި، ތިޔަ ބޭފުޅުންނަށް މުނިފޫހިފިލުވައިދިނުމުގެ ދަތުރު މިއޮތީ ފެށިފައި. އަބަދުވެސް ތިޔަ ދެއްވާ ލޯތްބާއި އެއްބާރުލުމަށް ޝުކުރުވެރިވަން. ބޭނުންވަނީ ތިޔަ ބޭފުޅުންގެ ހެޔޮދުޢާ. ސިނަމާއިން ބައްދަލުވާނެ."



މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އަކްޝޭގެ ތަފާތު ސިފައަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޚަބަރުތައް ބުނާގޮތުން މި ފިލްމުގައި އަކްޝޭ ފެންނާނީ ނުލަފާ މީހެއްގެ ރޯލުންނެވެ. ސޯޝަލް މީޑިއާގައި މީހަކު ކޮމެންޓްކޮށްފައިވަނީ، "ކިލާޅީ އާއި ގޯލްމާލްގެ ހަލަބޮލިކަން ބައްދަލުވުމުން މިއީ ވަރަށް މަޖާ ކަމަކަށް ވާނެ" ކަމަށެވެ. އަދި ބައެއް މީހުން އަކްޝޭގެ މި ސިފަ އަކީ އޭނާގެ ކުރީގެ މަޝްހޫރު ކެރެކްޓަރު "ބާލާ" އާ ވައްތަރު ސިފައެއް ކަމަށް ފާހަގަކޮށް، އޭނާއަށް ތައުރީފުކޮށްފައިވެއެވެ. މިފިލްމުގައި އަންހެންތަރިންގެ ތެޜޭގައި ހިމެނެނީ ޔާމީ ގޯތަމް އަދި ސާރާ ޢަލީ ޚާން އެވެ.

ގޯލްމާލް ފްރެންޗައިޒް ފެށުނީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން ގޯލްމާލް ރިޓާންސް (2008)، ގޯލްމާލް 3 (2010)، އަދި ގޯލްމާލް އެގެއިން (2017) ވަނީ ރިލީޒްކޮށްފައެވެ. ގޯލްމާލް 5 ގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު