އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތައް މިހާރު މިސައިލް ހަމަލާތަކުން ބޭރުވެ، ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހުރްމޫޒް" ކޮންޓްރޯލް ކުރުމުގެ ބޮޑު ހަނގުރާމައަކަށް ބަދަލުވެއްޖެއެވެ.

މިކަން އެންމެ ބޮޑަށް ހާމަވެގެން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުން ގެންދަވާ ބަޔާންތަކަށް އައިސްފައިވާ ބަދަލުތަކުންނެވެ. އެބަދަލުތަކާއެކު މި ހަނގުރާމައިގެ މައިގަނޑު އަމާޒަކީ މިހާރު ހަމައެކަނި އަސްކަރީ މަރުކަޒުތައް ހަލާކުކޮށްލުން ނޫން ކަމާއި، ދުނިޔޭގެ ތެލުގެ ސަޕްލައި ރައްކާތެރިކުރުން ކަން ހާމަވެފައިވެއެވެ.

މިއަހަރު ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މާރޗް މަހުގެ މެދާ ހަމައަށް ޓްރަމްޕް ސަރުކާރުގެ އިސްކަންދޭ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާގެ ފޯކަސް ހުރީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ގާބިލްކަން ނައްތާލުމަށެވެ. ނަމަވެސް، މާރޗް 7 އާ ހަމައަށް އައިއިރު، މުޅި މައުޟޫޢު ހަކަތައިގެ ރައްކާތެރިކަމަށް ބަދަލުވިއެވެ.

"ސްޓްރެއިޓް އޮފް ހުރްމޫޒް އަބަދުވެސް ހުޅުވިފައި އޮންނަންވާނެ" ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރަކީ، އަސްކަރީ ގޮތުން އީރާނަށް ވުރެ އެމެރިކާ ކުރީގައި އޮތް ނަމަވެސް، ދުނިޔޭގެ އިގްތިސާދު ހުއްޓުވާލުމުގެ ބާރު އީރާނަށް އޮތްކަން ގަބޫލުކުރެވުމުން ދެއްވި އިންޒާރެކެވެ. މާރޗް 13 އާ ހަމައަށް އައިއިރު، އެމެރިކާގެ މެސެޖަކީ ތެލުގެ ސަޕްލައި ލައިންތަކަށް ބުރޫއެރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެވެ.

ވޮޝިންގްޓަނުން މިކަމާ ކަންބޮޑުވަނީ މި ހަނގުރާމައިގެ ތަފާތު ސިފަތަކުގެ ސަބަބުންނެވެ. އެމެރިކާއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބޮޑު ބާރެއް ލިބިފައިވީ ނަމަވެސް، އީރާނުން ދަނީ ކުދި ބޯޓުފަހަރާއި، މައިން އަދި ޑްރޯން ބޭނުންކޮށްގެން ހަނި ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާ ކުރަމުންނެވެ.

ދުނިޔޭގެ ތެލުގެ 20 އިންސައްތަ ކޮންމެ ދުވަހަކު މި ހުރްމޫޒް ކަނޑުއޮޅިން ހުރަސްކުރާއިރު، މި މަގަށް ބުރޫއެރުމަކީ މުޅި ދުނިޔޭގެ ބާޒާރު ގަޑުބަޑުވެ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެކެވެ. މީގެ އިތުރުން، އުޅަނދުފަހަރުގެ އިންޝުއަރެންސް ފީ ބޮޑުވުމަކީ މުޅި ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ "ހަނގުރާމައިގެ ޓެކްސް" އެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ.

މި މައްސަލައިގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އޭޝިއާގެ ގައުމުތަކަށެވެ. އެގޮތުން ޗައިނާއިން ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެލުގެ 38 އިންސައްތަ ހިއްސާކުރެއެވެ. އަދި އިންޑިއާއަށް ބޭނުންވާ ތެލުގެ ދެބައިކުޅަ އެއްބައި (15 އިންސައްތަ) މި މަގުން ގެންދެއެވެ. ހަމައެއާއެކު ދެކުނު ކޮރެއާ އާއި ޖަޕާނުގެ ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ތެލުގެ ބޮޑު ބައެއްވެސް ބަރޯސާ ވަނީ މި މަގަށެވެ. މީގެ އިތުރުން ޕާކިސްތާނަށް ބޭނުންވާ ތެލުގެ 80-85 އިންސައްތަ ގެންނަނީވެސް ގަލްފް ސަރަހައްދުންނެވެ.

އެމެރިކާގެ އަމިއްލަ ބޭނުމަށް މި މަގުން ލިބެނީ އެންމެ 2-3 އިންސައްތަ ތެޔޮ ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައެވެ. މިހާރު އެމެރިކާގެ ކަނޑުގެ ސިފައިންގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ "ޓޭންކަރ ޑިޕްލޮމަސީ" ނުވަތަ ތެޔޮ އުފުލާ ބޯޓުފަހަރަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމެވެ. މިއާއެކު މި ހަނގުރާމަ މިހާރު މިވަނީ ހަމައެކަނި ހަތިޔާރުގެ ހަނގުރާމައަކަށް ވުރެ ބޮޑަށް، ދުނިޔޭގެ އިގްތިސާދު ހިންގުމަށް ބޭނުންވާ ހަކަތަ ކޮންޓްރޯލް ކުރުމުގެ ހަނގުރާމައަކަށް ބަދަލުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު