އައްޑޫ ސިޓީ މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސ. މީދޫ، ރޯސްވިލާ، އުމުރުން 41 އަހަރުގެ މުޙައްމަދުދީދީއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މުޙައްމަދުދީދީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު