ހިންދީ އެކްޝަން ކޮމެޑީ ފިލްމަށް ލޯބިކުރާ ފަރާތްތަކުން އިންރިޒާރު ކުރަމުން އަންނަ އަކްޝޭކުމާރުގެ "ބޫތުބަންގުލާ" ޓީޒާ ނެރެފިއެވެ.

މިފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ އަކްޝޭ ކުމާރު، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް، ކުރީގެ މަޝްހޫރު އެކްޓަރު އަސްރާނީ، ތާބޫ، ވަމީގާ ގައްބީ، ޖިޝޫ ސެންގުޕްތާ، މަނޯޖް ޖޯޝީ، މިތިލާ ޕާލްކަރް އަދި ރާޖޭޝް ޝަރްމާ އެވެ.

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ޕްރިޔަދަރްޝަން އަދި އެކްޓަރު އަކްޝޭ ކުމާރު 16 އަހަރަށްފަހު އެކުގައި މަސައްކަތް ކުރި ބޫތުބަންގުލާގެ ޓީޒާ މީގެ ކުރިންވެސް ނެރެފައެވެ. ނަމަވެސް ނެރޭދުވަސް އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި މި ފިލްމުގެ ޓީޒާ އަލުން ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އާންމުކޮށްފައިވާއިރު ޓީޒާއިން ފެންނަނީ 2007 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ" އާ ދާދި އެއްގޮތް ސިފަތަކެކެވެ. މި ފިލްމުގެ ކާސްޓުގައި "ބޫލް ބުލައްޔާ" ގެ ބައިވެރިން ކަމަށްވާ އަކްޝޭ، ޕަރޭޝް، ރާޖްޕަލް އަދި އަސްރާނީ ހިމެނެއެވެ. މީގެ އިތުރުން ތާބޫ އާއި ވަމީގާ ގައްބީ ފަދަ ހުނަރުވެރި ތަރިންވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.

އެގޮތުން ޓީޒާ ފެށިގެން އަންނަނީ ބިރުވެރި ގަނޑުވަރެއްގެ މަންޒަރުތަކުންނެވެ. އެއަށްފަހު، އަސްރާނީގެ ކެރެކްޓާ އިންޒާރު ދެނީ "މަންގަލްޕޫރުގައި އެއްވެސް މީހަކު ކައިވެނި ނުކުރާނެ ކަމަށާއި، ވަސޫދަރު އަންނާނެ" ކަމަށެވެ. އެއާއެކު ބިރުވެރި ސޫފިތަކެއްގެ އަތްތަކެއް ސްކްރީނުން ފެނިގެންދެއެވެ. ކައިވެންޏަކަށް ގަނޑުވަރު ތައްޔާރުކުރަމުންދާއިރު، އަކްޝޭ އެތަން ލަންޑަނުގެ ބަކިންހަމް ޕެލަސްއާ އަޅާކިޔައެވެ. ޕަރޭޝް ރާވަލް، އަކްޝޭ އަދި ރާޖްޕަލްގެ މަޖާ ހަރަކާތްތަކުން ބެލުންތެރިން ހެއްވާލާއިރު، ގަނޑުވަރުގެ ތެރޭގައި ހިނގާ ބިރުވެރި ކަންތައްތަކެއްވެސް މި ޓީޒާގައި ދައްކުވައިދެއެވެ. މި ޓީޒާ އިން ޔަގީންކޮށްދެނީ މިއީ ހިނިގަނޑަކާއި، ބިރުވެރި ހަޅޭކާއި އަދި ކުއްލި ސިއްސުންތަކުން ފުރިގެންވާ ފިލްމެއް ކަމެވެ.



މިފިލްމުގެ ޓީޒާ ބެލި ބައެއް ފޭނުން ބުނެފައިވާ ގޮތުގައި މިފިލްމަކީ ބޫލްބުލައްޔަ ފަދަ ހެއްވާ މަޖާ އަދި ބިރުވެރި ފިލްކަމަށް ވާނެއެވެ. މިހަރު ގިނަ ފޭނުން ތިބީ ފިލްމު ނެރޭ ދުވަހަށްވ ކެތްމަދުވެފައެވެ.

އޭކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗަރސް އިން އުފައްދާ މި ފިލްމަކީ ވަރަށް ގިނަ ސަބަބުތަކަށްޓަކައި ހާއްސަ ފިލްމެކެވެ. މިއީ 2010 ވަނަ އަހަރުގެ "ކައްޓާ މީޓާ" އަށްފަހު ޕްރިޔަދަރްޝަން އާއި އަކްޝޭ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ދެ ފަންނާނުން މީގެ ކުރިން ވަނީ "ގަރަމް މަސާލާ"، "ބާގަމް ބާގް" އަދި "ދޭ ދަނާ ދަން" ފަދަ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތަކެއް ގެނެސްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު