ދިވެހިރާއްޖެއަށް ބޭޭސް އެތެރެކޮށް، ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އިން ރަސްމީކޮށް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ކުންފުނިން ބޭސް އެތެރެކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބައެއް ބޭސްތައް މިހާރު ރާއްޖެއަށް ގެނެސް، ރަށްރަށަށް ސަޕްލައި ކުރަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

މީގެ ކުރިން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިންނެވެ. ނަމަވެސް، މިހާރު އެސްޓީއޯ އިން ހިންގަމުން އައި ފާމަސީތައް ވެސް ވަނީ ސަރުކާރުގެ އައު ބޭސް ކުންފުނީގެ ދަށަށް ބަދަލު ކޮށްފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ބޭސް އެތެރެކުރުމަށް ޚާއްޞަ ކުންފުނިތައް ހުންނަކަން ފާހަގަކުރަށްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޭސް ކުންފުނިން ވެސް އެހެން ޤައުމުތަކުގެ މިފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ފެންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ކުންފުނިން އެތެރެކުރާ ހުރިހާ ބޭހަކީ ވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، އަދި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކަކާއެކު ގެނެވޭ ރައްކާތެރި ބޭސްތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ގެނައި ބަދަލާއެކު، ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ހޯދުމުގައި އިތުރަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު