މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ކުރިއަށްދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން އީދު ފާހަގަކުރުމަށް ބޮޑެތި ޚަރަދުތަކެއްކޮށް، ތިން ދުވަހުގެ މުއްދަތަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ކުޑޫ ވަނީ ދުނިޔޭގެ މަސްރަހަށް ބަލައި، ސަރުކާރުގެ މި ނިންމުމާމެދު އިންތިހާއަށް ހައިރާންކަން ފާޅުކުރައްވާފައެވެ.

އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "އަޖައިބުވެ އަންތަރީސް ނުވާންވީ ސަބަބެއް ނެތެވެ. ނޭންގެނީ ތޯއްޗެކެވެ. ބުނެދޭނެ މީހަކުވެސް ނެތީ ތޯއްޗެކެވެ. މިއުޅެނީ ކޮޅެއް މެދެއް ނުފެންނަ ހަނގުރާމައެއް ކުރިމަތިވެގެންނެވެ." މިފަދައިންނެވެ.

ކުޑޫ މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި މިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭގެ އިގްތިސާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިދިކޮޅު ފަރާތްތަކުންނާއި އިގްތިސާދީ މާހިރުން ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ރާއްޖެއަށް ވުރެ މާ ފުދުންތެރި ގައުމުތަކުންވެސް މިހާރު ވަނީ އަޅަން ފަށާފައެވެ. "ފެށިފައި މިއޮތް ހަނގުރާމައާއި ގުޅިގެން ނުކަސިޔާރު ގޮތަކަށް ލިޔެފައި އޮތް ރަސްމީ ބަޔާނެއް ނެރުނީ އިއްޔެއެވެ. ކޮންމެ ކަމެއްގައިމެ މިޖެހެނީ ‘ވާނުވާ’ ގައި ތިބޭށެވެ،" އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އޭގެ ސަބަބުން ތެލުގެ އަގަށާއި މުދަލުގެ އަގަށް އަތުވެދާނެ ބަދަލުތަކަކަށް ސަރުކާރުން ހުށިޔާރުވާންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު